އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް އެ އެސޯސިއޭޝަންގެ ފައިސާއިން ގަނެފައިވާ ކަމަށް ބުނާ ދެ އެޕާޓްމަންޓު ފުލުހުންނާއި ހަވާލު ކުރުމުގެ މުއްދަތު އިތުރުކޮށްދޭން ނިންމާފައިވާނީ ހާލަތަށް ރިޢާޔަތްކޮށް، އިންސާނީ ކަރާމާތައް ހުރުމަތްތެރިކޮށް ހިތުމުގެ ގޮތުން ކަމުގައި ފުލުހުން މިއަދު ވިދާޅުވެއްޖެއެވެ.
އެފްއޭއެމްގެ ޚިޔާނަތުގެ ތުހުމަތު ކުރެވޭ ބައްސާމްގެ މިލްކިއްޔާތުގައިވާ ހުޅުމާލެ އަމީން އެވެނިއުގެ 2 އެޕާޓުމަންޓު މި ހިނގާ އޮކްޓޯބަރު މަހުގެ 6ވަނަ ދުވަހުގެ ކުރިން ފުލުހުންނާއި ހަވާލު ކުރުމަށް 28 ސެޕްޓެމްބަރު 2024 ވަނަ ދުވަހު ކޯޓުން އަމުރު ކޮށްފައިވާ ކަމަށް ފުލުހުން ކުރިން ވަނީ ވިދާޅުވެފައެވެ. އަދި އެ ދެ އެޕާޓްމަންޓު ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން އެއިރު ވިދާޅުވިއެވެ.
އެ އެޕާޓްމަންޓުތައް ހަވާލުކުރުމުގެ މުއްދަތު މިމަހުގެ 31 އާ ހަމައަށް އިތުރު ކޮށްދިނުމަށް އެދި ބައްސާމްގެ ފަރާތުން އޭނާގެ ވަކީލު އިއްޔެ ވަނީ ފުލުހުންނަށް ސިޓީއެއް ފޮނުވާފައެވެ. އަދި ހާލަތަށް ރިއާޔަތްކޮށް އެފަދައިން މުއްދަތު އިތުރުކޮށް ދިނުމަށް ނިންމާފައިވާ ކަމަށް ފުލުހުން ރޭގައި ވަނީ ޖަވާބު ދެއްވާފައެވެ.
ރިއާޔަތް ކުރި ހާލަތަކީ ކޮބައިތޯ މީޑިއާތަކުން ރޭގައި ސުވާލު ކުރުމުން ފުލުހުންގެ މީޑީއާ އޮފިޝަލަކު މިއަދު ވިދާޅުވީ، ފުލުހުންގެ މައްޗަށް ކޯޓުން ކޮށްފައިވާ އަމުރުގައި، އިންސާނީ ކަރާމާތަށް ހުރުމަތްތެރިކޮށް ހިތުމަށް އަމުރުކޮށްފައިވާ ކަމަށާއި އެޕާޓްމަންޓުތަކަކީ ބޮޑެތި މީހުންނާއި ކުޑަކުދިން ވެސް ދިރިއުޅެމުންދާ ތަންތަން ކަމަށްވާތީ ހާލަތަށް ރިއާޔަތް ކުރުމުގައި އެކަންކަމަށް ވިސްނާފައިވާނެ ކަމަށެވެ.




