އިންޑިއާގެ ރުޕޭ ކާޑު ރާއްޖޭގައި ބޭނުންކުރެވޭ ގޮތަށް ހަދައިފި އެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިންޑިއާއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން މިއަދު އެގައުމުގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ އާއި ބައްދަލުކުރައްވައި ބޭއްވި މަޝްވަރާ ބައްދަލުވުމުގައި ރުޕޭ ކާޑު ތައާރަފުކޮށް ވަނީ ރާއްޖޭގައި ރުޕޭގެ ފުރަތަމަ ޓްރާންސެކްޝަން ހެދި މަންޒަރު ލައިވްކޮށް ދައްކާލައިފައެވެ.
ރުޕޭ ކާޑު މަސައްކަތްކުރަނީ ބޭނުންކުރާ ވިސާ، މާސްޓާކާޑް ފަދައިންނެވެ. މިހާރު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިންވަނީ ރުޕޭ ކާޑަކީ ވެސް ބަލައިގަންނަ ކާޑެއްގެ ގޮތުގައި ހަދައިފައެވެ.
މީގެއިތުރުން މިބައްދަލުވުމަށްފަހު ދެގައުމުގެ ވެރިން ދެއްވި މީޑިއާ ސްޓޭޓްމެންޓުގައި ކުރިއަށް އޮތް ތަނުގައި ރާއްޖޭގައި އިންޑިއާގެ އިންސްޓެންޓު ސިސްޓަމް، ޔުނިފައިޑް ޕޭމަންޓު އިންޓަފޭސް (ޔޫޕީއައި)ގެ ޚިދުމަތް ރާއްޖޭގައި ފަށާނެކަމަށް ބޮޑު ވަޒީރު މޯދީ ވިދާޅުވިއެވެ.
އެގޮތުން އިންޑިއާގެ ކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރު ރާއްޖެއަށް ކުރެއްވި ޒިޔާރަތުގައި އެކަމަށްޓަކައި ވަނީ އެމްއޯޔޫއެއްގައި ސޮއިކުރައްވާފައެވެ. އެމްއޯޔޫގައި ސޮއިކުރެއްވުމަށްފަހު ޖައިޝަންކަރު ވިދާޅުވީ އެއީ އެ ނިޒާމު ތައާރަފްކުރުމުގެ ފުރަތަމަ ހަރުފަތް ކަމަށާއި އުންމީދަކީ މިކަން ކާމިޔާބުވުން ކަމަށެވެ. އަދި އެކަމުގެ ފައިދާ ދިވެހި ފަތުރުވެރިކަމަށާއި، ރާއްޖޭގެ އިގްތިޞާދަށް ކުރާނެކަމަށް ވެސް ޖައިޝަންކަރު ވަނީ ވިދާޅުވެފައެވެ.



