ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިންޑިއާއަށް ކުރައްވާފައިވާ ފުރަމާނަ ދަތުރުފުޅުގައި، އެޤައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އަންނަ އަހަރު ރާއްޖެ ވަޑައިގަތުމަށް ދައުވަތު ދެއްވައިފިއެވެ.
ރައީސް މުޢިއްޒު އިންޑިއާގެ ބޮޑިވަޒީރަށް މި ދައުވަތު ދެއްވާފައިވަނީ ދެ ޤައުމު ދެމެދު މިއަދު މަޝްވަރާ ބައްދަލުވުންތަކެއް ބޭއްވުމަށްފަހު ދެއްވި ޕްރެސް ސްޓޭޓްމަންޓެއްގައެވެ.
ޕްރެސް ސްޓޭޓްމަންޓެއްގައި ރައީސް ވިދާޅުވީ، އަންނަ އަހަރު ރާއްޖެއަށް ރަސްމީ ދަތުރެއް ކުރެއްވުމަށް ބޮޑުވަޒީރު މޯދީއަށް ދައުވަތު ދެއްވާފައިވާ ކަމަށެވެ. މީގެ އިތުރުން، ދެ ގައުމު ގުޅިގެން ކުރަމުންދާ މަސައްކަތްތަކުގެ ސަބަބުން ދެ ފަރާތަށް ވެސް ފައިދާހުރި ކުރިމަގެއް ބިނާވެގެންދާނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
މޯދީ އެންމެ ފަހުން ރާއްޖެ ވަޑައިގެންފައިވަނީ ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގައި 2019 ވަނަ އަހަރުގެ ޖޫން މަހުގައެވެ.




