އިންޑިއާގެ އެހީގައި ތަރައްގީކޮށްފައިވާ 700 ހައުސިން ޔުނިޓުގެ މަސައްކަތް ނިންމައި ދިވެހި ސަރުކާރާއި ހަވާލުކޮށްފިއެވެ.
މިހައުސިން ޔުނިޓުތައް ހަވާލުކޮށްފައިވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިންޑިއާއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން މިއަދު އެގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ބައްދަލުކުރެއްވުމަށްފަހު، ބޭއްވި ރަސްމިއްޔާތުގައެވެ.
ކުރީ ސަރުކާރުން އިންޑިއާގެ އެގްޒިމް ބޭންކުން ދީފައިވާ 227 މިލިއަން ޑޮލަރުގެ ލޯނު އެހީގައި ހުޅުމާލެގައި 4000 ހައުސިން ޔުނިޓު ހަދަން ފައްޓަވާފައި ވަނީ ހުޅުމާލޭގައި ކޭޕީއައިއެލް (ކުރީގެ ޖޭއެމްސީ ކުންފުނިން) އިން ހަދާ 16 ޓަވަރު އަދި އެންބީސީސީން ހަދާ 16 ޓަވަރެވެ.
ފިނި ފިނިޝިންގެ ހުރިހާ މަސައްކަތެއް ނިންމުމަށް ފަހު މިއަދު ޑރ. މުޙައްމަދު މުޢިއްޒުއަށް މިހައުސިން ޔުނިޓުތައް ހަވާލުކޮށްފައިވާއިރު، މި މަޝްރޫއުގައި ދެން ހުރި ފްލެޓުތައް ތަރައްގީ ކުރުމަށް ހަމަޖެހިފައި ވަނީ 17-18 ބުރީގެ 32 ޓަވަރުގެ ގޮތުގައެވެ. މިޓަވަރުތަކުގެ ކޮންމެ ފްލޯއެއްގައި 8 އެޕާޓްމެންޓު ހުންނައިރު، އޭގެތެރޭގައި ދެ ކޮޓަރީގެ 1،200 ފްލެޓާއި ތިން ކޮޓަރީގެ 2،800 ފްލެޓް ހިމެނެއެވެ.
މިކަމާއި ގުޅިގެން ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު މީގެކުރިން ވިދާޅުވީ އެ 4،000 ފްލެޓްގެ މަސައްކަތް އެއްކޮށް ނިންމާލެވެނީ އަންނަ އަހަރު މެދުތެރޭގައެވެ. އަދި ގެދޮރުވެރިޔާ ސްކީމްގެ މެދުވެރިކޮށް މިފްލެޓުތަކަށް އެދިފައިވާ މީހުންގެ ތެރެއިން ފްލެޓު ލިބޭނެ ކަމަށް ކުރިން އިއުލާންކޮށްފައިވާ ލިސްޓު ރިވިއު ކުރުމަށް ފަހު، ފައިނަލް ލިސްޓު އަންނަ މަހު އާންމުކުރާނެ ކަމަށް މިނިސްޓަރު ހައިދަރު ވިދާޅުވިއެވެ.




