ރާއްޖެ އާއި އިންޑިއާ ދެމެދު ކޮންސިއުލޭޓްގެ ޚިދުމަތް ފުޅާކޮށް އިންޑިއާގެ ބެންގަލޫރުގައި ދިވެހިރާއްޖޭގެ ކޮންސިއުލޭޓެއް ޤާއިމުކުރުމަށާއި ދިވެހިރާއްޖޭގެ އައްޑޫސިޓީގައި އިންޑިއާގެ ކޮންސިއުލޭޓެއް ޤާއިމުކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިންޑިއާއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ބައްދަލުކުރައްވާ ކުރިއަށް ގެންދިޔަ މިބައްދަލުވުން ތަކުގައި އިންޑިއާގެ ބެންގަލޫރުގައި ދިވެހިރާއްޖޭގެ ކޮންސިއުލޭޓެއް ޤާއިމުކުރުމަށާއި ދިވެހިރާއްޖޭގެ އައްޑޫސިޓީގައި އިންޑިއާގެ ކޮންސިއުލޭޓެއް ޤާއިމުކުރުމާއި މެދު މަޝްވަރާކޮށްފައިވާ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
މީގެއިތުރުން، މިއަދު ދެގައުމުގެ ވެރީންގެ މެދުގައި ބޭއްވި ރަސްމީ ބައްދަލުވުމަށްފަހު، ދެބޭފުޅުން ދެއްވި ޖޮއިންޓް ސްޓޭޓުމަންޓުގައި އިންޑިއާގެ ބޮޑުވަޒީރު މޯދީ ވިދާޅުވީ އިންޑިއާ އަބަދުވެސް އޮންނާނީ ދިވެހީންގެ ތަރައްޤީގެ މުހިއްމު ބައިވެރިއެއްގެ ގޮތުގައި ކަމަށެވެ.
މޯދީ އިތުރަށް ވިދާޅުވީ ދެޤައުމުގެ ކޮންސިއުލޭޓްގެ ޚިދުމަތްތައް މިހާރަށްވުރެ ފުޅާކުރުމަށް ނިންމަވާފައިވާ ކަމަށާއި، އެގޮތުން ދިވެހިރާއްޖޭގެ ކޮންސިއުލޭޓް އޮފީހެއް ބެންގަލޫރުގައި ޤާއިމުކޮށް، އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސިއުލޭޓް އޮފީހެއް ޤާއިމުކުރުމަށް މަޝްވަރާކުރައްވާފައިވާ ކަމަށެވެ.
މިއާއެކު ދެޤައުމުގައި ދިރިއުޅެމުންދާ ދެޤައުމުގެ ރައްޔިތުންނަށް ބޭނުންވާ ކޮންސިއުލޭޓްގެ ޚިދުމަތްތައް މިހާރަށްވުރެ ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމުތައް ހަމަޖެހިގެންދާނެ ކަމަށް ވެސް މޯދީ ވިދާޅުވިއެވެ.
”އައްޑޫގައި، އިންޑިއާގެ އައު ކޮންސިއުލޭޓް ޤާއިމުކުރުމަށާއި، އަދި ބެންގަލޫރުގައި ރާއްޖޭގެ އައު ކޮންސިއުލޭޓް އޮފީހެއް ހުޅުވާ ގުޅޭގޮތުންވެސްވަނީ މަޝްވަރާތައްކޮށްފައި.“ މޯދީ ވިދާޅުވިއެވެ.
އިންޑިއާގެ އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ރާއްޖޭގެ ހައިކޮމިޝަން، ކޮންސިއުލޭޓް އޮފީހެއް އިންޑިއާގެ ޓްރެވިންޑްރަމްގައި ގާއިމުކޮށްފައިވާއިރު، އިތުރު ކޮންސިއުލޭޓް އޮފީހެއް ބެންގަލޫރުގައި ޤާއިމުކުރުމުން އެތަނަށް އެކި ބޭނުންތަކުގައި ދަތުރުކުރާ ދިވެހީންނަށް ފަސޭހަވެގެންދާނެ ކަމަށް ބެލެވެއެވެ.




