އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އާއި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ޙުސައިން ފަހުމީ ބައްދަލުކުރެއްވައިފިއެވެ
މިއަދު އިސްލާމިކް މިނިސްޓްރީގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި، ސްޓެލްކޯއިން ވަނީ އިސްލާމިކް ސެންޓަރުގެ މުންނާރުގެ ދަށުގައިވާ ފެންގަނޑު މަރާމާތުކުރުމަށް ޝައުޤުވެރިކަން ފާޅުކޮށްފައެވެ.
މިމަސައްކަތަކީ ސްޓެލްކޯގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު) ގެ ދަށުން ކުރާ މަސައްކަތެއް ކަމުގައި އިސްލާމިކް މިނިސްޓްރީން ބުނެފައިވެއެވެ.
މިބައްދަލުވުމަށްފަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސްޓެލްކޯގެ އެމްޑީ ފަހުމީ ވަނީ ބައްދަލުކުރެއްވި ކަމަށްޓަކައި މިނިސްޓަރު ޝަހީމަށް ޝުކުރު އަދާކުރައްވާފައެވެ.
ފަހުމީ އިތުރަށް ވިދާޅުވީ ޤައުމުގެ ސަޤާފީ އަދި ދީނީ ތަރިކަ ދެމެހެއްޓުމަށް އެހީތެރިވުމުގެ ފުރުޞަތު ލިބުމަކީ ސްޓެލްކޯއަށް ލިބޭ ޝަރަފެއް ކަމަށާއި އިސްލާމިކް ސެންޓަރުގެ މުންނާރުގެ ދަށުގައިވާ ފެންގަނޑަކީ ތާރީޚީ މުހިންމުކަމެއް އޮތް ތަނެއް ކަމަށެވެ.
އެތަން ދެމެހެއްޓުމަށް ޝައުގުވެރިވާކަން ފާހަގަކުރައްވާ ފަހުމީ ވިދާޅުވީ އާރާސްތުކޮށް، އިސްލާމިކް މިނިސްޓްރީ އާއިއެކު އެފެންގަނޑުގެ ރީތިކަން އިތުރުކުރުމަށްޓަކައި މަސައްކަތް ކުރަން ލިބުމުން އެކަމާއި އުފާކުރާ ކަމަށެވެ.
މިކަމާއި ގުޅޭގޮތުން ސްޓެލްކޯގެ މީޑިއާ އޮފިޝަލު ’ސައުވީސް‘ އަށް ވިދާޅުވީ މީގެ 15 – 20 އަހަރު މުންނާރު ވަށައިގެން ފެންއަރުވާ ވަޑާމެއް ހަދާފައި ހުރި ކަމަށެވެ. އަދި މިމަސައްކަތުގެ ބޭނުމަކީ ކުރީގައި އެތަން ހުރި ގޮތަށް އެތަން އަލުން މަރާމާތުކުރުން ކަމަށެވެ.
”މުންނާރު ވަށައިގެން ކުރީގެ އެތަން ހުރި ގޮތަށް ރީތިކޮށް އެތަން ބެހެއްޓުމަށް ސްޓެލްކޯގެ ސީއެސްއާރުގެ ދަށުން ހަދާދިނުން އެއީ ފާޅުކޮށްފައިވާ އިންޓްރެސްޓަކީ“ ސްޓެލްކޯގެ މީޑިއާ އޮފިޝަލު ވިދާޅުވިއެވެ.



