ޔަހޫދީ އިޒްރޭލު ސިފައިން މެދުކެނޑުމެއް ނެތި ދެމުންގެންދާ ހަމަލާގައި، ޣައްޒާއިން 77 މީހަކު ޝަހީދު ކޮށްލައިފިއެވެ.
އަލްޖަޒީރާއިން ރިޕޯޓު ކޮށްފައިވާ ގޮތުގައި އިޒްރޭލުން ރޭގެ ވަގުތެއްގައި މި ހަމަލާ ދީފައިވަނީ، ޣައްޒާއަށް އެފަދައިން ހަމަލާދޭތާ އިއްޔެ އެއް އަހަރު ފުރިފައިވަނިކޮށެވެ. އަދި މިހަމަލާ ދިނުމުގެ ސަބަބުން އިޒްރޭލަށް ވަރުގަދަ ރައްދެއް ދޭނެ ކަމަށް ހަމާސް ޖަމާއަތުން ވަނީ ބުނެފައެވެ.
ޣައްޒާގެ އިތުރުން އިޒްރޭލުން ދަނީ ލުބްނާންގެ ވެރިރަށް ބެއިރޫތަށް ވެސް ނިރުބަވެރި ހަމަލާތަކެއް ދެމުންނެވެ. އިޒްރޭލުން ބުނީ އެމީހުން ހަމަލާ ދީފައިވާނީ ބެއިރޫތުގެ އުތުރުގައި ހުރި ހަޒްބުﷲ ޖަމާއަތުގެ އިންޓެލިޖެންސް މިލިޓަރީ ބޭސްއަކަށް ކަމަށެވެ. ނަމަވެސް ބެއިރޫތުގެ ދެކުނަށް ވެސް ހަމަލާއެއް ދިނުމަށް މިހާރު ތައްޔާރުވަމުންދާ ކަމަށާއި އެހެންކަމުން އެސަރަހައްދުގައި ދިރިއުޅޭ އާންމު ރައްޔިތުން އެތަން ހުސްކޮށްފައި ދިޔުމަށް އަންގާފައިވާނެ ކަމަށް ވެސް އިޒްރޭލުން ބުނެފައިވެއެވެ.
ޣައްޒާއަށް އިޒްރޭލުން ހުއްޓުމެއް ނެތި ނިރުބަވެރި ހަމަލާތަކެއް ދެމުންގެންދާތާ މިހާރު އަހަރެއް ވެފައިވާއިރު، ރިޕޯޓުތަކުން ބުނާ ގޮތުގައި މިހާތަނަށް ފަލަސްތީނުގެ 41،999 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދު ކޮށްލައިފައެވެ. އަދި މި ހަމަލާތަކުގެ ސަބަބުން ޒަހަމްވީ މީހުންގެ އަދަދު 97،303 އަށް އަރާފައިވާ ކަމަށް ވެސް ރިޕޯޓުތަކުން ބުނެއެވެ. ހަމާސް އިން އިޒްރޭލަށް ދިން ހަމަލާތަކުން މަރުވެފައިވަނީ 1،139 މީހުންނެވެ.



