ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަސްޓްލޭޑީ ސާޖިދާ މުޙައްމަދު އިންޑިއާގެ ތާޖް މަހާލްއަށް ޒިޔާރަތް ކުރައްވައިފިއެވެ.
ރައީސް މުޢިއްޒު އާއި މެޑަމް ސާޖިދާ ތާޖް މަހާލްއަށް ޒިޔާރަތް ކުރައްވާފައި މިވަނީ އިންޑިއާއަށް މިހާރު ކުރައްވާފައިވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން މިއަދު ހެނދުނުގެ ވަގުތެއްގައެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން މިއީ ރައީސް މުޢިއްޒު އިންޑިއާއަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. ފަސް ދުވަހުގެ މިދަތުރުފުޅަކީ އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫގެ ދަޢުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ.
ރައީސުލްޖުމްހޫރިއްޔާއާއި ދިވެހި ސަރުކާރުގެ ވަފުދެއް ވަނީ އިންޑިއާގެ ރައީސް މުރުމޫއާ ރޭގެ ވަގުތެއްގައި ބައްދަލު ކުރައްވާފައެވެ. އަދި މި ބައްދަލުވުމުގައި ރައީސް މުޢިއްޒު ވަނީ، އިންޑިއާއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ދަޢުވަތުދެއްވީތީ އިންޑިއާގެ ރައީސަށް ޝުކުރުއަދާކުރައްވާފައެވެ. އަދި އިންޑިއާ އާއި ދިވެހިރާއްޖެއާ ދެމެދު އޮތް ޒަމާންވީ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ދެ ޤައުމުގެ ދެމެދުގައި މުތަޤާބިލު މަސައްކަތްތަކެއް ކުރައްވާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.
ދިވެހި ސަރުކާރުގެ ވަފުދަކާވެސް އެކު ކުރައްވާފައިވާ މިދަތުރުފުޅުގައި ރައީސް މުޢިއްޒު ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އާވެސް ބައްދަލު ކުރައްވާފައެވެ. އަދި ދެ ޤައުމުގެ މެދުގައި މަޝްވަރާ ބައްދަލުވުންތަކެއް ބާއްވައި ގިނަ އެއްބަސްވުންތަކެއްގައި ވެސް ސޮއި ކޮށްފައިވެއެވެ.




