ރަސްމާލޭގެ މާސްޓަރ ޕްލޭން އެކުލަވާލުމުގެ މަސައްކަތް ނިމުމާއެކު، އަންނަ އަހަރުގެ މެދުތެރޭގައި އެތަނުން ގޯތި ދޫކުރަން ފެށޭނެކަމަށް އުންމީދުކުރައްވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ސަރުކާރަށް 3 އަހަރު ފުރުމާ ގުޅިގެން ދައުލަތުގެ މީޑިއާ، ޕީއެސްއެމް ނިއުސްއިން ގެނެސްދިން ”ހަފްތާ 156“ ޕްރޮގްރާމުގައި ވާހަކަދައްކަވަމުންނެވެ.
ރަސްމާލޭގެ މާސްޓަރ ޕްލޭން ހެދުމަށް ކޮންސަލްޓެންސީ ދޭނެ ފަރާތެއް ހޯދުމުގެ މަސައްކަތް ސަރުކާރުން މިހާރު ކުރަމުން އަންނައިރު، މިނިސްޓަރު ވިދާޅުވީ އެތަނުގެ މާސްޓަރ ޕްލޭން ތައްޔާރުކުރާއިރު ބަލާނީ އާއިލީ ބޯހިޔާވަހިކަމުގައި ގޯއްޗަށް އެދުނު ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތަކަށް ގޯތި ދެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށެވެ. އަދި މުސްތަޤްބަލުގައި އެތަނުގައި ދިރިއުޅޭ މީހުންނަށް ފްލެޓް އިމާރާތްތައް ތަރައްޤީކުރެވޭނެ ފަދަ ގޮތަކަށް ޕްލޭން ބައްޓަންކުރުމަށްވެސް އިސްކަންދެއްވާނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، އެ މަޝްރޫޢުގެ ދަށުން ކުރިއަށްގެންދާ އިޤްތިޞާދީ ހަރަކާތްތަކަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު ވިދާޅުވީ، މޯލްޑިވްސް ވޯޓަރ ފްރޮންޓް މެރީނާ ޕްރޮޖެކްޓުގެ އެއްބަސްވުމުގައި ސޮއިކުރެވިއްޖެނަމަ އެތަނުގައި ވަރަށް ބޮޑު އިޤްތިޞާދެއް އުފެދިގެންދާނެ ކަމަށެވެ.
”ވަޒީފާގެ ފުރުޞަތުތަކާއި މަސައްކަތްތަކާއި ވިޔަފާރިތައް އުފެދިގެން ދިޔައީމަ ރަސްމާލެއިން ދިވެހިންނަށް ޚާއްސަވެފައި އޮތް ބައި ތަރައްޤީ ކުރުމަށް ފަސޭހަވެގެންދާނެ،“ މިނިސްޓަރު ވިދާޅުވިއެވެ.
ރަސްމާލެ މަޝްރޫޢަކީ މާލެ ސަރަޙައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ޙައްލެއް ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އެންމެ ބޮޑު ތަޞައްވުރެވެ. ”ބޯހިޔާވަހިކަން އެންމެންނަށް“ ސިޔާސަތުގެ ދަށުން ރަސްމާލެއިން 15,000 ގޯތި ދޫކުރުމަށް ސަރުކާރުން ހުޅުވާލާފައިވާއިރު، އެ ރަށް ތަރައްޤީކުރުމަށް ކަނޑައެޅިފައިވާ 1,150 ހެކްޓަރުގެ ބިމުގެ ތެރެއިން މިހާތަނަށް ވަނީ 800 ހެކްޓަރުގެ ބިން ހިއްކާ ނިންމާފައެވެ.
މި މަޝްރޫޢުގެ ދުރުރާސްތާ އަމާޒަކީ ކުރިއަށްއޮތް 20 އަހަރު ދުވަހުގެ ތެރޭގައި 150,000 މީހުންނަށް އެ ބިމުން ބޯހިޔާވަހިކަމުގެ ފުރުޞަތު ތަނަވަސްކޮށްދިނުމެވެ. ރަސްމާލެ ތަރައްޤީކުރަނީ ތިމާވެއްޓާ ރައްޓެހި ”އީކޯ ސިޓީ“ އެއްގެ ގޮތުގައެވެ. އެގޮތުން އެ ރަށަށް ކަރަންޓު ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ އިޢާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ބޭނުންކޮށްގެންނެވެ.
ރަސްމާލެއިން ހިއްކާ ބިމުގެ ތެރެއިން 500 ހެކްޓަރު ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ އިންޓަގްރޭޓެޑް ރިއަލް އެސްޓޭޓް ޒޯނެއްގެ ގޮތުގައެވެ.
މި މަސައްކަތް ކުރިއަށްގެންދިއުމަށް އެކުވެރި ޢަރަބި ޢިމާރާތުގެ އަބޫދާބީގެ އީގަލް ހިލްސް ކުންފުންޏާއެކު އެއްބަސްވުމަކަށް އައުމަށްޓަކައި ކޮމާޝަލް ޓާމް ޝީޓުގައި މިހާރު ވަނީ ސޮއިކޮށްފައެވެ. އަދި މިހާރު ކުރިއަށްދަނީ ރަސްމީ އެއްބަސްވުމާ ގުޅޭ މަޝްވަރާތަކެވެ.



