ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން އެޖެންސީން އިންތިޒާމުކޮށްގެން ޖަޕާނުގައި ކުރިއަށްގެންދިޔަ ”ކައުންޓަރ އިންޓަރނޭޝަނަލް ޓެރަރިޒަމް“ ތަމްރީނު ޕްރޮގްރާމުގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ އޮފިސަރަކު ބައިވެރިވެވަޑައިގެންފިއެވެ.
2026 ނޮވެމްބަރު 4 އިން 20 އަށް ޖަޕާނުގައި ކުރިއަށްދިޔަ މި ތަމްރީނު ޕްރޮގްރާމުގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުﷲ ރަޝީދެވެ.
ޖައިކާގެ 2026 ވަނަ އަހަރުގެ ނޮލެޖް ކޯ-ކްރިއޭޝަން ޕްރޮގްރާމްގެ ދަށުން ހިންގި މި ތަމްރީން ޕްރޮގްރާމަކީ ޓެރަރިޒަމާ ދެކޮޅަށް ޖަޕާނު ފުލުހުން އަޅަމުންދާ ފިޔަވަޅުތަކާއި އަމަލުކުރާ އުސޫލުތައް ބައިވެރިންނާ ހިއްސާކޮށް މައުލޫމާތު ބަދަލުކުރުމަށް ކުރިއަށް ގެންދިޔަ ޕްރޮފްރާމެކެވެ.
މީގެއިތުރުން، ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރުމުގައި ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ މެދުގައި އިލްމާއި ތަޖުރިބާ ހިއްސާކުރުމާއި ގުޅުން ބަދަހިކުރުމަށްވެސް މި ޕްރޮގްރާމުގައި ހާއްސަ އިސްކަމެއް ދީފައިވެއެވެ.




