ފިހާރައެއް ތެރޭގައި ތޫނު އެއްޗަކުން މީހަކަށް ހަމަލާދީ ޒަހަމްކޮށްލި މައްސަލައިގައި މީހަކު ހައްޔަރު ކޮށްފިއެވެ.
ދިލްބަހާރު މަގުގައި ހުރި ފިހާރައެއް ތެރޭގައި ދިވެހި ފިރިހެނަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމް ކޮށްލާފައިވަނީ މިމަހުގެ 4 ވަނަ ދުވަހުގެ ރެއެވެ. ޒަހަމްވި މީހާއަށް އިންދިރާ ގާންދީ އެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ފަރުވާ ދިނުމަށްފަހު އެރޭ ވަނީ ދޫކޮށްލާފައެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ މިމައްސަލައާ ގުޅިގެން މިމަހުގެ 6 ވަނަ ދުވަހު މއ. މަސްފެން މުނީޒް (37އ.) ނަމަކަށް ކިޔާ މީހަކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފައިވާ ކަމަށެވެ.
އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން، ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށް ވެސް އޮފިޝަލު ވިދާޅުވިއެވެ.
މިމައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.




