އިންޑިއާއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިންޑިއާގެ މުމްބައި އަށް ވަޑައިގެންފިއެވެ. ރައީސްގެ މި ދަތުރުފުޅުގައި ރާއްޖޭގައި ހުރި އިންވެސްޓުމެންޓުގެ ފުރުސަތުތަކާ ބެހޭ މައުލޫމާތު ހިއްސާކޮށް، ވިޔަފާރީގެ ރޮނގުން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމަށް ބާއްވާ ބިޒްނަސް ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
މި ހިނގާ އޮކްޓޯބަރު މަހުގެ 6 ވީ އާދީއްތަ ދުވަހުން ފެށިގެން ފަސް ދުވަހުގެ މުއްދަތަކަށް އިންޑިއާއަށް ރައީސް މުޢިއްޒު ކުރައްވާ މިދަތުރުފުޅަކީ އެޤައުމުގެ ރައީސް ދުރޫޕަދީ މުރުމޫގެ މައުވަތަކަށް ފެއްޓެވި ދަތުރުފުޅެކެވެ.
ރައީސް މުޢިއްޒު މުމްބައިއަށް މިއަދު ވަޑައިގެންފައިވާއިރު، މިއަދު ހަވީރު އެތަނުގައި ބޭއްވޭ ބިޒްނަސް ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. އަދި މީގެއިތުރުން ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް އިންޑިއާގެ ފިލްމީ ތަރިންނާއި އެ ޤައުމުގެ އިންފުލުއެންސަރުންނާ އެކު ބާއްވާ ހަރަކާތެއްގައި ވެސް ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.
މުމްބައިގައި ބޭއްވޭ ބިޒްނަސް ފޯރަމްގައި މިއަދު ރައީސް މުޢިއްޒު ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވާއިރު، ރޭ އެ ޤައުމުގެ ވެރިރަށް ނިއު ދިއްލީގައި ބޭއްވުނު ބިޒްނަސް ފޯރަމެއްގައި ވެސް އެމަނިކުފާނު ވަނީ ބައިވެރިވެވަޑައިގެންފައެވެ. އެ ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ޑިޖިޓަލް އިގްތިސޯދާ ގުޅޭ ދާއިރާތަކުން އިންވެސްޓްކުރުމަށް ރާއްޖެއަކީ ފަހި މާހައުލެއް އޮތް ތަނެއް ކަމަށާއި އެ ދާއިރާ ތަރައްގީ ކުރުމަށް އިންޑިއާގެ އެހީ ބޭނުންވާ ކަމަށެވެ،




