އިޒްރޭލާއި ދެކޮޅަށް އެމްބަސީ ކައިރީގައި އަޑު އުފުލުމުގެ މައްސަލައިގައި އައިޝަތު ޝާދިޔާ ތިން ދުވަހަށް ބަންދުކުރީ ގާނޫނާ ހިލާފަށް ކަމަށް ހައިކޯޓުން ކަނޑައަޅާއިފިއެވެ.
އެމްބަސީތައް ކައިރީގައި އިޒްރޭލާ ދެކޮޅަށް އަޑު އުފުލުމުގެ މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް އަބްދުއްލަތީފްގެ އަނބިކަނބަލުން ޝާދިޔާ އާއި ޑރ. ޝަޒްރާ އިބްރާހީމް އެވެ.
މިމައްސަލައިގައި އެދެމީހުން ހައްޔަރުކުރުމަށްފަހު ދެފަހަރުމަތީން އެމީހުން ބަންދު އިތުރު ކުރުމަށްފަހު ނިމިދިޔަ ސެޕްޓެމްބަރު މަހުގެ ފަހުކޮޅު ދެމީހުން ދޫކޮށްލާފައިވާއިރު، ޝާދިޔާ ވަނީ އޭނާ ބަންދުގައި ބަހައްޓާފައި ވަނީ ގާނޫނާއި ޚިލާފަށްކަމަށް ކަނޑައަޅައިދިނުމަށް އެދި މިދެއަމުރުވެސް ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ.
ހައިކޯޓުން މިމައްސަލައިގައި ޙުކުމްކުރައްވަމުން ބުނެފައިވަނީ ޝާދިޔާ ބަންދުކުރީ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެތީ ކަމަށް ކްރިމިނަލް ކޯޓުން ނިންމި ނަމަވެސް، އެގޮތަށް ކްރިމިނަލް ކޯޓުން ނިންމީ ކީއްވެކަން ސާފު ނުވާ ކަމަށާއި ޝާދިޔާގެ މައްޗަށް ތުހުމަތުކުރެވޭ މިންވަރެއްގެ ހެކި ހުއްޓަސް، އޭނާ ބަންދު ކުރަން ޖެހޭ ހާލަތެއް އޮތް ކަމަށް ނިންމީ ގާނޫނާ ހިލާފަށް ކަމަށެވެ.
މިއާއިއެކު މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ޙުކުމް ކުރެއްވީ ޝާދިޔާ ތިން ދުވަހަށް ބަންދުކުރަން ކްރިމިނަލް ކޯޓުން ކުރި އަމުރު ބާތިލްކުރެއްވުމަށެވެ.



