ރާއްޖޭގެ ތާރީހާއި ރާއްޖެއާއި ގުޅޭ މައުލޫމާތު ރައްކާކުރުމަށްޓަކައި ޑިޖިޓަލް އާކައިވް ޕްރޮޖެކްޓްގެ ޕްރޮޓޯޓައިޕް އިފުތިތާހުކޮށްފިއެވެ.
މިޕްރޮޓޮޓައިޕް އިފްތިތާހު ކޮށްދެއްވާފައި ވަނީ ޔޫތު މިނިސްޓަރު އިބްރާހީމް ވަހީދާއި ހޯމްލޭންޑް މިނިސްޓްރީގެ ޑިރެކްޓަ ޖެނެރަލް އޮފް ދަ ނެޝަނަލް އާކައިވްސް އޮފް މޯލްޑިވްސް މުހައްމަދު އާމިރު އަހުމަދެވެ.
ޔޫތު މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި މި ނިޒާމަކީ ރާއްޖޭގެ ތާރީހާއި ސަގާފަތާ، ރާއްޖޭގައި ހިންގަމުންދާ މުހިންމު މަސައްކަތްތަކުގެ މައުލޫމާތު އިންޓަނެޓްގައި ރައްކާތެރިކޮށް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށް، ރައީސް ޑރ.މުޙައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ފެއްޓެވި މަސައްކަތެއް ކަމަށެވެ.
އޯއޭއައިއެސް ކްލައުޑް އާއި ޖިއާރެޓާ އެސޯސިއޭޓްސް އަދި ރާއްޖޭގެ ގައުމީ އަރުޝީފްގެ ޕާޓްނާޝިޕްގެ ދަށުން ގާއިމުކޮށްފައިވާ މިޕްރޮޓޮޓައިޕްގެ ސަބަބުން ނަމްސްގެ ޑިޖިޓަލް ރެކޯޑްތައް ރައްކާތެރިކުރުމުގެ ގާބިލްކަން އިތުރުވެގެން ދިއުމާއި އެކު ކުދި ޖަޒީރާ ތަރައްގީވަމުން އަންނަ ދައުލަތްތަކަށް ޑިޖިޓަލް ރައްކާތެރިކުރުމުގެ ފުޅާ ޢިލްމާއި ތަޖުރިބާ ލިބިގެންދާނެ ކަމަށް ވެސް މިނިސްޓްރީން ބުނެފައިވެއެވެ.
މީގެއިތުރުން، ޔޫތު މިނިސްޓަރު އިބްރާހީމް ވަހީދު ވަނީ މި ނިޒާމުގެ ސަބަބުން މައުލޫމާތު ރައްކާކުރާ ގޮތްތަކަށް ބޮޑެތި ހެޔޮ ބަދަލުތަކެއް އާންނާނެ ކަމަށް ފާހަގަކުރައްވާފައެވެ. އަދި މިނިޒާމަކީ ހަމައެކަނި ރާއްޖޭގެ ތާރީހު ބުނެދޭނެ ވެބްސައިޓެއް ނޫން ކަމަށާއި، މިއީ ދުނިޔެއަށް ހިރާއްޖެ ބުނެދޭނެ މަސައްކަތަކަށް ވެގެންދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.



