އިންޑިއާގެ ޓޫރިސްޓުން ބޭނުންވާ ވަސީލަތްތަކާ އެކު އެ މީހުންގެ ބޭނުންތަކަށް ބަލައިގެން ރާއްޖޭގެ ޓޫރިޒަމް ބައްޓަން ކުރަން ރާއްޖެ އޮތީ ތައްޔާރަށް ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އިންޑިއާ އަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން މުމްބާއިގައި ރާއްޖޭގެ ޓޫރިޒަމާއި ވިޔަފާރި ޕްރޮމޯޓް ކުރުމަށް މިއަދު ބޭއްވި ހަފުލާގައި ބައިވެރިވެ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އިންޑިއާގެ ޓޫރިސްޓުންނަށް ބޭނުންވާ ވަސީލަތްތަކާއި އެކު ރާއްޖެގެ ޓޫރިޒަމް ބައްޓަން ކުރަން ރާއްޖެ ތައްޔާރަށް އޮތް ކަމަށާއި އޭގެ ތެރޭގައި އިކޯ ޓޫރިޒަމާއި ކޮންވެންޝަންތަކާއި ބައްދަލުވުންތަކާއި ވެލްނަސް ޓޫރިޒަމާއި މައުރަޒުތައް ބޭއްވުން ހިމެނޭ ކަމަށެވެ.
މި އަހަރުގެ މިހާތަނަށް އެކަނިވެސް އިންޑިއާ އިން އެއްލައްކައާ ގާތްކުރާ އަދަދަކަށް ޓޫރިސްޓުން ރާއްޖެ އަށް ޒިޔާރަތް ކޮށްފައިވާ ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އޭގެ ސަބަބުން ދެ ގައުމުގެ ގުޅުން ވަރަށް ބޮޑަށް ބަދަހިވަމުން އަންނަ ކަމަށެވެ.
ރައީސް ވިދާޅުވީ އެންމެ މަގުބޫލު ޓޫރިސްޓް މަންޒިލްގެ ލަގަބު ޖެހިޖެހިގެން ހަތަރު އަހަރު ހޯދައި އެލަގަބު ދަމަހައްޓާކަމަށާއި، މިއީ ޓޫރިސްޓުން ރާއްޖެއަށް ކުރާ އިތުބާރާއި ޔަގީންކަމުގެ ނަތީޖާ ކަމަށެވެ.
ހަމައެއާއިއެކު ރާއްޖޭގެ ލަގްޒަރީ ރިސޯޓުތަކާއި މެހުމާންދާރީ އަކީ ވެސް މިކަމުގެ ސަބަބެއްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މިކުރިއެރުން ދިވެހީންނަށް ހޯދައިދިނުމުގައި އިންޑިއާގެ ހިއްސާ ވަރަށް ބޮޑު ކަމަށެވެ.
”އިންޑިއާގެ ޓޫރިސްޓުން ރާއްޖެ ދެކެނީ ހަމައެކަނި މަންޒިލެއްގެ ގޮތަކުން ނޫން. ރާއްޖެ އަކީ އެ މީހުންގެ ހަނދާތައް ރައްކާ ކުރެވިފައިވާ ސުވަރުގެއެއް ފަދަ ތަނެއްގެ ގޮތުގައި ދެކެނީ،“ ރައީސް ވިދާޅުވި އެވެ.
މީގެއިތުރުން ރައީސް ވަނީ ރާއްޖޭގެ ގުދުރަތީ ރީތިކަން ހިމަނައިގެން ބޮލީވުޑް ފިލްމުތައް ރާއްޖޭގައި ޝޫޓް ކުރެވިދާނެ ކަމަށް ވިދާޅުވެ، ރާއްޖޭގައި ބޮލީވުޑްގެ ފިލްމުތައް ޝޫޓް ކުރުމަށް ދައުވަތު އަރުވައިފައެވެ.
ރައީސް ވަނީ މިއަދު މުމްބާއީގައި ބޮލީވުޑްގެ ބައެއް ތަރިންނާއި ބައްދަލުކުރައްވައި، ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓް ކުރުމުގެ ހަރަކާތެއް ބާއްވައިފަ އެވެ. މިއަދުގެ އިވެންޓަށް އައި ތަރިންގެ ތެރޭގައި ޝިލްޕާ ޝެޓީ އާއި އަރްބާޒް ހާން އާއި އޭނާގެ އަންހެނުން އަދި މޭކަޕް އާޓިސްޓް ޝުރާ ހާން އާއި ސަނީ ކައުޝަލް އާއި ސޮނާކްޝީ ސިންހާ އާއި އޭނާގެ ފިރިމީހާ އަދި އެކްޓަރު ޒަހީރް އިގްބާލް އަދި ކަރިޝްމާ ކަޕޫރް ވެސް ހިމެނެ އެވެ.



