ސްޓެލްކޯއިން ބޭންކް އޮފް މޯލްޑިވްސްއާއި ގުޅިގެން ކ. ގާފަރުގައި ގާއިމުކޮށްފައިވާ އޭޓީއެމްގެ އިމާރާތް ހުޅުވައިފިއެވެ.
ސްޓެލްކޯއިން މިރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ އެކުންފުނިން ކ. ގާފަރުގައި ދިރިއުޅޭ ރައްޔިތުންގެ ފަސޭހައާއި ލާބައަށް ބޭންކް އޮފް މޯލްޑިވްސްއާއި ގުޅިގެން އެރަށަށް އޭޓީއެމްގެ ޚިދުމަތް ލިއްބައިދިނުމަށް އިމާރާތްކޮށްފައިވާ، އިމާރާތުގެ މަސައްކަތް ނިންމާ މިއަދު އެޚިދުމަތް ފަށާފައިވާ ކަމަށެވެ.
އެކުންފުނިން ބުނެފައިވާ ގޮތުގައި ރައްޔިތުންނަށް ބޭނުންވެފައިވާ މިފަދަ ޚިދުމަތްތައް ރަށްރަށަށް ފޯރުކޮށްދިނުމަށް ކުރެވޭ މަސައްކަތްތަކުގައި ބައިވެރިވުމަކީ އެކުންފުންޏަށް ލިވޭ ވަރަށް ބޮޑު އުފަލެކެވެ.
މިކަމާއި ގުޅިގެން އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއީ ވަރަށް މުޙިންމު މަޝްރޫއެއް ކަމަށާއި ސްޓެލްކޯއިން މިމަޝްރޫއުގައި ބައިވެރިވުމަކީ އެކުންފުންޏަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
މި މަޝްރޫއަކީ ކ. ގާފަރު ރައްޔިތުންނަށް ކުރިމަގުގައިވެސް ވަރަށް ބޮޑެތި ފައިދާތަކެއް ލިބިގެންދާނެ މަޝްރޫއެއް ކަމަށާއި މިމަސައްކަތުން ހާމަވެގެންދަނީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން މުޖުތަމައު ތަރައްޤީކުރުމަށާއި ރައްޔިތުންގެ ދުޅަހެޔޮކަން ކުރިއެރުވުމަށް ކުރައްވާ މަސައްކަތްކަމަށް ފަހުމީ ވިދާޅުވިއެވެ.
ފަހުމީ އިތުރަށް ވިދާޅުވީ މިއަދު ކުރެވޭ މިމަސައްކަތުގެ ހެޔޮ ނަތީޖާ ދެމިގެންގޮސް އެކަމުގެ ފައިދާ އަންނަން އޮތް ޖީލުތަކަށް ކުރާނެ ކަމަށެވެ.
މި މަޝްރޫޢުގެ ތަޞައްވުރު ޙަޤީޤަތަކަށް ހެދުމުގައި މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި ބޭންކް އޮފް މޯލްޑިވްސް އިން މުހިންމު ދައުރެއް އަދާކުރެއްވިކަން ފާހަގަކުރައްވާ ފަހުމީ ވަނީ އެފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.



