ދުނިޔޭގެ އެންމެ ބޮޑު ޝިޕިންލައިން، މެޑިޓެރޭނިއަން ޝިޕިން ކޮމްޕެނީ (އެމް.އެމް.ސީ) ގެ ދަތުރުތައް ދިވެހިރާއްޖެއަށް ފަށައިފިއެވެ.
އެމް.އެސް.ސީއިން ރާއްޖެއަށް އައި ފުރަތަމަ ބޯޓު ކަމަށްވާ MSC MANASA F ވަނީ އިއްޔެ މާލޭގައި ބަނދަރުކޮށްފައެވެ. 16،700 ޓަނުގެ މި ކާރގޯ ބޯޓަށް މަރުހަބާ ކިޔުމުގެ ގޮތުން އެމް.ޕީ.އެލް އިން ވަނީ އިއްޔެ ވޯޓާރ ސެލިއުޓެއްވެސް ދީފައެވެ.
1970 ވަނަ އަހަރު އުފެދުނު އެމް.އެސް.ސީ އަކީ އިޓަލީ އަށް ނިސްބަތްވާ ކުންފުންޔެކެވެ. މި ކުންފުނިން މިވަގުތު 790 ކޮންޓޭނަރު ބޯޓު އޮޕަރޭޓު ކުރަމުން ގެންދެއެވެ. އެމް.އެސް.ސީގެ މައި އޮފީސް ސްވިޒަލޭންޑުގައި ހުންނައިރު، ދުނިޔޭގެ 155 ޤައުމެއްގައި އެ ކުންފުނީގެ 524 އޮފީސް ބްރާންޗުތައް ވަނި ޤާއިމުކޮށްފައެވެ.
އެމް.އެސް.ސީގެ ފުރަތަމަ ބޯޓަށް މަރުހަބާ ކިޔުމަށް އެމް.ޕީ.އެލް އާއި އެމް.އެސް.ސީގެ ލޯކަލް އޭޖެންޓު، ސެންޗޫރިއަންއާއި ގުޅިގެން މިއަދު ހެނދުނު މާލެ ވިޔަފާރި ބަނދަރުގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި އެމް.ޕީ.އެލް އަދި ސެންޗޫރިއަންގެ ފަރާތުން ބޯޓުގެ ކެޕްޓަނަށް ވަނީ ހަނދާނީ ފިލާއެއް އަރުވާފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމް.ޕީ.އެލްގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމް ވަނީ އެމް.އެސް.ސީގެ ދަތުރުތައް ރާއްޖެއަށް ފެށުމުގައި ސެންޗޫރިއަން އިން ކުރި މަސައްކަތްތަކަށް ޝުކުރު އަދާކޮށްފައެވެ. އަދި މާލޭ ވިޔަފާރި ބަނދަރުގެ ހިދުމަތްތައް ހަރުދަނާކުރުމަށް މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ވަޖީހު ފާހަގަ ކުރެއްވިއެވެ.
އެމް.އެސް.ސީ ގެ ފުރަތަމަ ބޯޓު އިއްޔެ ރާއްޖެ ބަނދަރުކުރި އިރު 800 ކޮންޓޭނަރު ވަނީ ގެނެސްފައެވެ. މިއީ މުޅިންވެސް ޖެނެރަލް ކާގޯ ހިމެނޭ ކޮންޓޭނަރުތައް ކަމަށް އެމް.ޕީ.އެލް އިން މައުލޫމާތު ދިނެވެ.



