ހުޅުމާލޭގެ ތަރައްޤީގެ މަސައްކަތްތައް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިންގް ޑިރެކްޓަރ ފަޒުލް ރަޝީދު ވިދާޅުވެއްޖެއެވެ.
ފަޒުލް މިހެން ވިދާޅުވެފައި މިވަނީ އެޗްޑީސީއާ ގުޅޭ ގޮތުން ހުޅުމާލެ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު ހުސައިން ޝަރީފް (ހުސެންބެ) މީސްމީޑިއާގައި މިއަދު ފާޅު ކުރެއްވި ކަންބޮޑުވުންތަކަށް ރައްދު ދެއްވަމުންނެވެ.
މީސްމީޑިއާ ޕްލެޓްފޯމެއް ކަމަށްވާ ”އެކްސް“ ގައި ކަންބޮޑުވުންތަކެއް ފާޅު ކުރައްވަމުން ހުސެންބެ ވިދާޅުވީ އެޗްޑީސީ އަކީ ”މަތިބަރު“ ކުންފުންޏެއް ކަމަށެވެ. އަދި ހުޅުމާލޭ ފޭސް 2 ގެ މަގުބައްތިތައް ދިއްލަން ކިހާ ދުވަހެއް ނަގާނެތޯ އާންމުންގެ މީހަކު ކޮށްފައިވާ ސުވާލެއް ވެސް ހުސެންބެ ހިއްސާ ކޮށްފައިވެއެވެ.
ހުސެންބެގެ ޕޯސްޓަށް ރައްދު ދެއްވަމުން ފަޒުލް ވިދާޅުވީ ހުޅުމާލޭގެ ތަރައްގީއަށް ހުއްޓުމެއް ނެތި ދަނީ މަސައްކަތް ކުރަމުން ކަމަށާއި ކުރަން ހުރި މަސައްކަތް އަދި ނުކުރެވި ހުރި މަސައްކަތް ހުންނާނެ ކަމަށް ގަބޫލު ކުރަން ވާނެ ކަމަށެވެ.
”ހުޅުމާލޭ ފޭސް 2 ގެ ވިނަރެސް ސަރަހައްދުގެ މަގުބައްތިތައް ދިއްލުމަށް ބޭނުންވާ ތަކެތި ހޯދުމަށް އޯޑަރު ކުރެވިފައިވޭ. މަގުބައްތި ދިއްލުމަށް ބޭނުންވާ ކަރަންޓު ވިއުގަ އޯގަސްޓު 2024 ގެ ނިޔަލަށް ނިމިފައިވާއިރު، މަގުބައްތިތަކަށް އަޅާފައިވާ ކޭބަލްތައް ގެއްލިފައިވާ ވާހަކަ މައުލޫމާތަށްޓަކައި ދަންނަވާލަން“ އެޗްޑީސީގެ އެމްޑީ ވިދާޅުވެފައިވެއެވެ.
މީގެއިތުރުން ފަޒުލް ވަނީ އެޗްޑީސީގެ މުވައްޒަފުން ވަރުބަލިކަމެއް ނެތި ކުރަމުންގެންދާ މަސައްކަތްތަކަށް ފަޚުރުވެރިވެ ޝުކުރު އަދާ ކުރައްވާ ކަމަށް ވެސް ވިދާޅުވެފައެވެ.



