”ބްރައިޓް ވިއު“ ބްރޭންޑުގެ އަތުޖެހި އުފައްދާފައިވާ ފަރާތަކީ ”އަމިއްލަ ދިރިއުޅުމަށްޓަކައި ކާބޯތަކެތި އުފައްދާ ވިއްކުމުގެ މަސައްކަތް ކުރާ ފަރާތްތައް ދަފްތަރު ކުރުމުގެ އުސޫލު“ ގެ ދަށުން ދަފްތަރު ކޮށްފައިވާ ފަރާތެއް ނޫން ކަމުގައި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފިއެވެ.
އެމްއެފްޑީއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ”ބްރައިޓް ވިއު“ ބްރޭންޑުގެ އަތުޖެހި އުފެއްދުމުގައި ބޭނުން ކޮށްފައިވާ ނަންބަރަކީ އެ އުސޫލުގެ ދަށުން ދޫކޮށްފައިވާ ނަންބަރެއް ނޫން ކަމަށެވެ. އެހެންކަމުން އެބްރޭންޑުގެ އަތުޖެހިއާމެދު ސަމާލުވުމަށް އެ އޮތޯރިޓީން ބުނެފައިވެއެވެ.
މީގެއިތުރުން އެމްއެފްޑީއޭ އިން ބުނެފައިވަނީ ”އަމިއްލަ ދިރިއުޅުމަށްޓަކައި ކާބޯތަކެތި އުފައްދާ ވިއްކުމުގެ މަސައްކަތް ކުރާ ފަރާތްތައް ދަފްތަރު ކުރުމުގެ އުސޫލު“ގެ ދަށުން ދަފްތަރުކުރާ ފަރާތްތަކުގެ މައުލޫމާތު އެއޮތޯރިޓީގެ ”ދިރިތި“ ޕޯޓަލާއި ވެބްސައިޓު އަދި މިނިސްޓްރީ އޮފް ހެލްތުގެ ވެބްސައިޓުގައި އަދާހަމަކޮށް ޝާއިޢު ކުރަމުންދާނެ ކަމަށެވެ.
އެހެންކަމުން ކާބޯތަކެތި ގަތުމުގައި އެކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އެމްއެފްޑީއޭ އިން ވަނީ އިލްތިމާސް ކޮށްފައެވެ.



