މާލޭގެ މާރުކޭޓު ސަރަހައްދާއި ނޯތު ހާބަރުގައި އާންމުން ހޭލުންތެރިކޮށް، މައުލޫމާތު ދިނުމުގެ ހަރަކާތެއް ފުލުހުން ކުރިޔަށް ގެންގޮސްފިއެވެ.
ފުލުހުން ބުނީ ހަރަކާތަކީ ތަފާތު އެކި ކަހަލަ ކުށްތަކުން ރައްޔިތުން ރައްކާތެރިކުރުވުމާއި ހޭލުންތެރިކުރުވުމަށް މައުލޫމާތު ދިނުމުގެ ގޮތުން ކުރިޔަށް ގެންދިޔަ ހަރަކާތެއް ކަމަށެވެ.
މި ހަރަކާތުގައި، މާރުކޭޓު ގޮޅިތަކާއި އެ ސަރަހައްދުގެ ފިހާރަތަކުގައި މަސައްކަތްކުރާ މީހުންނާއި ވިޔަފާރިކުރަންދާ މީހުންގެ އިތުރުން އެ ސަރަހައްދު ބޭނުންކުރާ މީހުން އަދި އޮޑިދޯނިފަހަރުގެ މީހުންނާ ބައްދަލުކޮށް ހޭލުންތެރިކުރުވުމަށް މައުލާމާތުދީފައިވާނެ ކަމަށް ފުލުހުން ބުންޔެވެ.
އެގޮތުން، މަކަރާއި ހީލަތުން ފައިސާއާއި މުދާ ހޯދުމުގެ މައްސަލަތަކުން ރައްކާތެރިވުމަށާއި އޮންލައިންކޮށް ވިޔަފާރިކުރުމުގައި ސަމާލުކަންދޭންޖެހޭ ކަންކަން ފުލުހުން ވަނީ އާންމުންނަށް ބުނެދީފައެވެ. އަދި ކޭޝްކާޑާއި އޯޓީޕީ ފަދަ މުހިންމު އެއްވެސް މައުލޫމާތެއް ގޮތް ނޭނގޭ އެއްވެސް މީހަކާ ހިއްސާނުކުރުމަށްވެސް ފުލުހުން ވަނީ ނަސޭހަތްތެރިވެފައެވެ.

އޭގެ އިތުރުން، އޮޑިދޯނިފަހަރާއި ފިހާރަތައް އަދި މާރުކޭޓު ގޮޅިތަކުން ވައްކަންކުރުމުގެ މައްސަލަތަކުން ރައްކާތެރިވުމަށާއި ވިޔަފާރި ބަންދުކޮށްފައި ދާއިރު މުދަލުގެ ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް ފުލުހުން ބުނެދީފައިވެއެވެ. އަދި އޮޑިދޯނިފަހަރަށް މުދާ އަރުވައި ބޭލުމުގައި ސަމާލުކަންދޭންޖެހޭ ކަންކަމާއި މީހުން ހަވާލުކުރާ ގޮތްނޭނގޭ އެއްޗެހީގައި ނުހިފުމަށާއި ނުއަގުގައި ވިއްކާ ތަކެތި ނުގަތުމަށް ފުލުހުން ވަނީ އާންމުންނަށް ނަސޭހަތްތެރިވެފައެވެ.
އަދި ފޭރުމުގެ މައްސަލަތަކުން ރައްކާތެރިވުމަށާއި އެ ސަރަހައްދު ބޭނުންކުރުމުގައި ތިމާއާއި އަނެކުންގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅިދާނެ ފިޔަވަޅުތަކާ އަދި އެކްސިޑެންޓުތަކުން ރައްކާތެރިވުމަށް ސަމާލުކަންދޭންޖެހޭ ކަންކަމުގެ މައުލޫމާތު ވެސް ފުލުހުން ވަނީ ދީފައެވެ.


