ރާއްޖެއަށް އެހީތެރިކަން ބޭނުންވި ކޮންމެ ވަގުތެއްގައި އެންމެ ފުރަތަމަ އިސްކަން ދިން އެއް ޤައުމަކީ އިންޑިއާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު އިންޑިއާއަށް ކުރައްވާފައިވާ ފުރަމާނަ ދަތުރުފުޅުގައި އެޤައުމުގެ ބެންގަލޫރަށް ވަޑައިގެން، އެތަނުގައި ދިރިއުޅޭ ދިވެހީންނާ ބައްދަލު ކުރައްވާ މިރޭ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ އެމަނިކުފާނުގެ ޚާރިޖީ ސިޔާސަތު ގެންދަވަނީ ދައްކަވާފައިވާ ވާހަކަތަކާއި އެއްގޮތަށް ކަމަށެވެ.
އެގޮތުން އިންޑިއާއަކީ ދިވެހިރާއްޖެއާއި ޒަމާނުއްސުރެ ވަރަށް ގާތް ގުޅުމެއް އޮންނަ ޤައުމެއްކަން ފާހަގަ ކުރައްވާ ރައީސް މުޢިއްޒު ވިދާޅުވީ އެޤައުމާއެކު ދިވެހިރާއްޖެ ޑިޕްލޮމެޓިކް ގުޅުމެއް ގާއިމުވިތާ އަންނަ އަހަރު 60 އަހަރު ފުރޭނެ ކަމަށެވެ.
”މިދިޔަ 60 އަހަރު ތެރޭގައި އަޅުގަނޑުމެންގެ ޤައުމަށް އެކިކަންކަމުގައި އެހީތެރިވެފައިވާކަން އެއީ އަޅުގަނޑުމެންނަށް އިނގޭ ކަންކަން. އަޅުގަނޑުމެންނަށް ބޮޑުވެގެންދިޔަ ކޮންމެ ހާލަތެއްގައި، އަޅުގަނޑުމެންނަށް އެހީތެރިކަން ބޭނުންވި ކޮންމެ ވަގުތެއްގައި އެންމެ ފުރަތަމަ އިސްކަން ދިން އެއް ޤައުމަކަށް ވާނީ އިންޑިއާ“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.
އެހެންކަމުން ރާއްޖެއަށް އެކިކަންކަމުގައި އެންމެ ފަހިވާނެ ގޮތަށް ކަންކަން ބައްޓަން ކުރުމުގައި ދެ ޤައުމުގެ ގުޅުން ވަރުގަދަވެގެން ދިޔުމަކީ މުހިންމުކަމެއް ކަމުގައި ރައީސް މުޢިއްޒު ފާހަގަ ކުރެއްވިއެވެ.



