ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވައިފިއެވެ.
މިއަދަކީ ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހެވެ. ދުވަހުގެ ތަހުނިޔާ ފޮނުއްވަމުން ”އެކްސް“ ގައި ކުރި ޕޯސްޓެއްގައި ރައީސް މުޢިއްޒު ވިދާޅުވީ ސަލާމަތް ސިއްހަތުގެ ދެބައިކުޅަ އެއްބަޔަކީ ނަފްސާނީ ދުޅަހެޔޮކަން ކަމުގައެވެ.
”އުފެއްދުންތެރި މުރާލި ނަތީޖާ ނެރެދޭ މީހަކަށްވުމުގައި އިންސާނާގެ ނަފްސާނީ ގާބިލުކަން ބޮޑު ދައުރެއް އަދާކުރޭ. އެހެންކަމުން ނަފްސާނީ ދުޅަހެޔޮކަމަށް ޚާއްސަ ސަމާލުކަމެއް ދެއްވަމާތޯ“ ރައީސްގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.
ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހެއް ފާހަގަ ކުރުމުގެ އެންމެ ބޮޑު މަޤުސަދަކީ ނަފްސާނީ ގޮތުން އިންސާނާއަށް ކުރިމަތިވެދާނެ ކަންކަމާމެދު ހޭލުންތެރި ކުރުވުމާއި އެފަދަ ކަންކަމުގައި އެކަކު އަނެކަކަށް އެހީތެރިވާނެ ގޮތްތަށް އަންގައި ދިނުން ކަމުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން ވަނީ ބުނެފައެވެ.
މީގެއިތުރުން މިދުވަހަކީ ނަފްސާނީ ބަލިތަކާއި ގުޅޭގޮތުން އާންމުންނަށް އިތުރަށް މައުލޫމާތު ދޭން އެ ދާއިރާގައި މަސައްކަތް ކުރައްވާ ހުރިހާ މޭސްތިރިންނަށް ހުޅުވިގެންދާ ދޮރެއް ކަމުގައި ވެސް ޑަބްލިޔުއެޗްއޯ އިން ސިފަ ކޮށްފައިވެއެވެ.
ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހުގެ މިއަހަރުގެ ކުލައަކީ ފެހިކުލައެވެ.



