މާލޭ ކޮމާޝަލް ހާބަރުގައި ވިޔަފާރިވެރިންނަށް މުދާ ހިލޭ ބެހެއްޓޭ މުއްދަތަށް ބަދަލު ގެނެސް، އެ މުއްދަތު ކުރުކުރަން އެމްޕީއެލްއިން ނިންމައިފިއެވެ.
އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމް މިއަދު ވިދާޅުވީ އެމްޕީއެލް އިން މިހާރު ބޭނުން ކުރާ ބަނދަރަކީ 2،000 އެއްހާ ކޮންޓެއިނާ ބެހެއްޓުމުގެ ޖާގަ އޮތް ތަނެއް ނަމަވެސް، އެތަނުގައި މިހާރު 5،000 އަށް ވުރެ ގިނަ ކޮންޓެއިނާ ބާލައި، ބަހައްޓަން ޖެހޭ ކަމަށެވެ.
ވިޔަފާރިވެރިންނަށް މިހާރު ކޮންޓެއިނާ ބަނދަރުގައި 10 ދުވަސް ވަންދެން ހިލޭ ކޮންޓޭނަރު ބެހެއްޓޭތީ، ގިނަ ވިޔަފާރިވެރިން މުދާ ކްލިއާކޮށް ގެންދަނީ އެންމެ ފަހު ދުވަހު ކަމުގައި ވަޖީހު ވިދާޅުވިއެވެ. އެހެންކަމުން އެކަމަށް ހައްލެއް ގެނައުމަށްޓަކައި މުދާ އުފުލާ މުއްދަތު ހަތް ދުވަހަށް ކުރުކުރަން ނިންމާފައިވާ ކަމަށް ވަޖީހު ވިދާޅުވިއެވެ.
މީގެއިތުރުން ފިނި ތަކެތި ގެންނަ ރީފާ ކޮންޓެއިނާތައް ބަނދަރުގައި ބެހެއްޓޭ މުއްދަތު ފަސް ދުވަހަށް ކުރު ކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެމްޕީއެލްގެ ސީއީއޯ ވިދާޅުވިއެވެ.
މިއީ ބަނދަރުން ޖާގަ ނުލިބި، ބޯޓުތަކުން ކޮންޓެއިނާތައް ނުބާލާ މަޑުކުރަން ޖެހޭތީ އެކަމަށް ހައްލެއް ގެނައުމަށްޓަކައި ނިންމި ނިންމުމެއް ކަމަށް ވެސް ވަޖީހު ވިދާޅުވިއެވެ.



