އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލައްވާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މިއަދު އެނބުރި ރާއްޖެ ވަޑައިގެންފިއެވެ.
ރައީސް މުޢިއްޒުގެ މި ދަތުރުފުޅަކީ ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އިންޑިއާއަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.
މިދިޔަ އާދީއްތަ ދުވަހު ފެއްޓެވި ފަސް ދުވަހުގެ މި ދަތުރުފުޅަކީ އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫގެ ދައުވަތަކަށް ވަޑައިގެންނެވި ދަތުރުފުޅެކެވެ. ރައީސްގެ މިދަތުރުފުޅުގައި އެޤައުމުގެ ރައީސްއާއި ބައްދަލުކުރައްވާ، ބޮޑު ވަޒީރު ނަރެންދްރަ މޯދީއާ ވެސް ބައްދަލު ކުރެއްވިއެވެ. އަދި ދެ ޤައުމުގެ ދެމެދުގައި މަޝްވަރާ ބައްދަލުވުންތަކެއް ބާއްވާ، ގިނަ އެއްބަސްވުންތަކެއްގައި ވެސް ސޮއި ކޮށްފައެވެ.
މީގެއިތުރުން ރައީސް މުޢިއްޒުގެ މިދަތުރުފުޅުގައި ރާއްޖޭގެ ޓޫރިޒަމްއާއި ވިޔަފާރި އިތުރު ކުރުމަށްޓަކައި ބައެއް ބިޒްނަސް ފޯރަމްގައި ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި އެޤައުމުގެ ބެންގަލޫރުގައި ދިރިއުޅޭ ދިވެހީންނާ ރޭގެ ވަގުތެއްގައި ރައީސް މުޢިއްޒު ވަނީ ބައްދަލުވެސް ކުރައްވާފައެވެ.



