ހުއްޓެމެއްނެތި އިޒްރޭލުގެ ޔަހޫދީ ސިފައިން ބެއިރޫތަށް ދެމުންގެންދާ ހަމަލާގައި އެޤައުމުގެ މެދުތެރެއަށް ރޭގައި ދިން ހަމަލާގައި މިހާތަނަށް 22 މީހަކު މަރުވެ 117 މީހަކު ޒަހަމްވެއްޖެއެވެ.
އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި އިޒްރޭލުން ހަމަލާ ދީފައިވަނީ ބެއިރޫތުގެ މެދުތެރޭގައި، އާންމުން ދިރިއުޅޭ ދެ އިމާރާތަކަށެވެ.
އިޒްރޭލުގެ މި ހަމަލާތަކާ ގުޅިގެން އދ ގެ ޕީސްކީޕިންގ ޗީފް، ސެކިއުރިޓީ ކައުންސިލަށް ބުނީ އިޒްރޭލުން ދަނީ ސުލްޙަވެރިކަމާއެކު ދައްކާފައިވާ ހުރިހާ ވާހަކަތަކަކާ ދެކޮޅަށް ޢަމަލު ކުރަމުން ކަމަށާއި އެކަމުގެ ސަބަބުން ލުބްނާންގައި ތިބި ސުލްހަވެރިކަމަށް މަސައްކަތް ކުރާ ފަރާތްތަކަށް ވެސް މިހާރު އުނދަގޫތަކާ ކުރިމަތިވެފައިވާ ކަމަށެވެ.
ލުބްނާންގެ އާންމުން ދިރިއުޅޭ ދެ އިމާރާތަށް އިޒްރޭލުން ހަމަލާދީފައިވާއިރު، ޣައްޒާގެ ސިއްޙީ ޚިދުމަތް ދޭ ތަންތަނަށް ވެސް ދުވަސްކޮޅެއް ކުރިން ޔަހޫދީ ސިފައިން ވަނީ ހަމަލާ ދީފައެވެ. އެ ހަމަލާތަކާ ގުޅިގެން އދ ގެ އިންވެސްޓިގޭޓަރުން ބުނީ އިޒްރޭލުން ގަސްތުގައި ޣައްޒާގެ ސިއްޙީ ޚިދުމަތް ދޭ ތަންތަނަށް ހަމަލާ ދެމުންގެންދާ ކަމަށާއި އެއީ ހަނގުރާމައިގެ އާންމު އުސޫލުތަކާއި އަދި އިންސާނިއްޔަތާ ވެސް ޚިލާފު ކަންކަން ކަމަށެވެ. އަދި އެފަދަ ކަންތައް ކުރުން މިހާރުން މިހާރަށް ހުއްޓާލުމަށް އދ އިން އިޒްރޭލަށް ގޮވާލާފައިވެއެވެ.
ޣައްޒާގެ ބައެއް ސިއްޙީ ޚިދުމަތްތެރީން އިއްޔެ ބުނި ގޮތުގައި އިޒްރޭލުން އެ ޤައުމަށް އިއްޔެ ދިން ހަމަލާގައި ވެސް ފަލަސްތީނުގެ 63 ރައްޔިތުން ވަނީ ޝަހީދުކޮށްލާފައެވެ.


