ހައިވޭގައި ދުއްވި ސައިކަލެއްގެ ކޮންޓްރޯލް ކުޑަކުއްޖަކަށް ދީގެން ސައިކަލު ދުއްވި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.
މިމައްސަލަ އާއި ގުޅިގެން ފުލުހުން މީޑިއާ އާއި ހިއްސާ ކުރެއްވި މެސެޖެއްގައި ވިދާޅުވީ ހައިވޭގައި ދުއްވި ސައިކަލެއްގެ ކޮންޓްރޯލް ކުޑަކުއްޖަކަށްދީގެން، ސައިކަލު ދުއްވި މައްސަލައެއް ސޯޝަލް މީޑިއާއިން ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
މީގެ އިތުރުން މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާކަމަށް ވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.
މާލެ ސަރަހައްދުގައި އެކްސިޑެންޓު ހިނގުން ގިނަވުމާއި ގުޅިގެން ފުލުހުން އާންމު މިންވަރަށް ވުރެ އިތުރަށް މަގުތަކުގައި ހަރަކާތްތެރިވެ، ގަވާއިދާއި ޚިލާފަށް އުޅަނދުތައް ދުއްވާ ފަރާތްތަކުގެ މައްޗަށް ފިޔަވަޅު އަޅަމުންނެވެ.




