މި މަހުގެ ފަސްވަނަ ދުވަހު އުފެދުނު ތޫފާން މިލްޓަން އެމެރިކާގެ ފްލޮރިޑާއަށް އަރައި މިހާތަނަށް 10 އަށް ވުރެއް ގިނަ މީހުން މަރުވެއްޖެކަމަށް ހޯމްލޭންޑް ސެކިއުރިޓީ ޑިޕާޓްމަންޓުން ބުނެފިއެވެ.
މި ހަރިކޭނުގެ ސަބަބުން ޓޯނޭޑޯތައް އުފެދި، ބޯކޮށް ވާރޭވެހި، ގަދަ ވައިޖެހުމުގެ ސަބަބުން ގޭގެ ހަލާކުވެ، ކަރަންޓު ކެނޑި، ފްލޮރިޑާ ސްޓޭޓަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.
ނޭޝަނަލް ހަރިކޭން ސެންޓަރ (އެން.އެޗް.ސީ) އިން ބުރާސްފަތި ދުވަހު ބުނެފައިވާ ގޮތުގައި ސްޓޭޓުގެ ހުޅަނގު އައްސޭރިފަށުގައި ކުރިން ވެރިވި މިހަރިކޭން ވަނީ ކެޓަގަރީ 1 އަށް ދަށްވެފައެވެ. އަދި ގަޑިއިރަކު 150 ކިލޯމީޓަރު (93 މޭލު) ގެ ބާރުމިނުގައި ވައިޖަހަމުން މި ހަރިކޭން ވަނީ ފްލޮރިޑާ ހުރަސްކޮށްފައިވެއެވެ.
ބުދަ ދުވަހުގެ ރޭ ގާތްގަނޑަކަށް 8:30 (ޖީއެމްޓީ ގަޑިން 00:30) ގައި ކެޓަގަރީ 3 ގެ ހަރިކޭނެއްގެ ގޮތުގައި ހަރިކޭން މިލްޓަން އަރާފައިވާއިރު، އެންމެ ބާރަށް ވައިޖެހުނު އިރު ގަޑިއިރަކު 195 ކިލޯމީޓަރު (121 މޭލު) ގެ ބާރުމިނުގައި ވައިޖެހުނީ ޓެމްޕާ ބޭގެ ދެކުނުގައިވާ ފްލޮރިޑާގެ ގަލްފް ސަރަޙައްދުގެ ހުރަސްރަށެއްގައި އޮންނަ ސިއެސްޓާ ކީއަށްކަމަށް ރިޕޯޓުތަކުން ބުނެފައިވެއެވެ.
މީގެއިތުރުން، ބާރު މަޑުވަމުން އައިސްފައިވީ ނަމަވެސް ހަރިކޭނުގެ ބާރުމިނުގައި ފްލޮރިޑާގެ މުޅި ޖަޒީރާ ހުޅަނގުން އިރަށް ހުރަސްކޮށް، ބުރާސްފަތި ދުވަހުގެ ހެނދުނު ކެނެޑީ ސްޕޭސް ސެންޓަރު ހުންނަ ކޭޕް ކެނަވެރަލްގެ ކައިރިން އެޓްލާންޓިކް ކަނޑަށް ނުކުތްކަމަށް އެން.އެޗް.ސީ އިން ބުނެފައިވެއެވެ.
މިހަރިކޭނުގެ ސަބަބުން ޓެމްޕާ ބޭ ޕެނިންސިއުލާގައި އޮންނަ ސެއިންޓް ޕީޓަރސްބަރގް ސިޓީގައި އެތައް ކެރޭނެއް ވެއްޓި، އޭގެ ތެރެއިން އެއް ކެރޭން ވެއްޓުނީ ފްލޮރިޑާގެ އެންމެ ބޮޑު ނޫސްކަމަށްވާ ޓެމްޕާ ބޭ ޓައިމްސްގެ އޮފީސް ހުންނަ އިމާރާތަށެވެ. މި ކްރޭން ވެއްޓުމުގެ ސަބަބުން އިމާރާތަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، ހަރިކޭން ފްލޮރިޑާއަށް އެރުމުގެ ކުރިން ބާރު ވައިގެ ސަބަބުން 125 ގެ ހަލާކުވެފައިވާކަމަށް ފްލޮރިޑާގެ އެމެޖެންސީ ޑިވިޝަންގެ ޑިރެކްޓަރު ބުނެފައިވެއެވެ.
މީގެއިތުރުންވެސް، ހަރުކޭންގެ ސަބަބުން، ޓެމްޕާގެ ޓްރެފިކް ލައިޓްތައް ނިވިފައިވާކަމަށް އޮފިޝަލުން އަންގާފައިވާއިރު، އެންމެ ބޮޑު ބިރެއް އޮތީ ޓެމްޕާ ބޭގައި ކަނޑުގެ އުދައަރާފާނެތީވެ ކަމަށް އޮފިޝަލުން ބުނެފައިވެއެވެ. އެހެންނަމަވެސް އޮފިޝަލުން އަންދާޒާ ކުރި ވަރަށް ވުރެއް އުދަ އަރާފައިވާ މިންވަރު ކުޑަ ކަމަށާއި، އަދި ގެއްލުން ލިބުނު މިންވަރު އަދި ބަލަމުންދާތީވެ ސީދާ ވަކި އެއްޗެއް ބުނަން ދަތިކަމަށް އޮފިޝަލުން ބުނެފައިވެއެވެ.
ފުޅާ ދާއިރާއެއްގައި ގެއްލުން ލިބިފައިވީ ނަމަވެސް، މިއީ ”އެންމެ ނުރައްކާތެރި ހާލަތް“ ނޫން ކަމަށް ފްލޮރިޑާގެ ގަވަރުނަރު ރޮން ޑިސެންޓިސް ވަނީ ބުނެފައެވެ. އޭނާ ބުނީ ގެއްލުން ލިބިފައިވާ މިންވަރު ބުނަން އިނގޭނީ ފަހުން އެސެސް ކުރުމަށް ފަހު ކަމަށެވެ. ”ދުވަސް ކުރިއަށްދާ ވަރަކަށް ގެއްލުމުގެ މިންވަރު އިތުރަށް އެނގޭނެ“ ކަމަށް ޑިސެންޓިސް ވިދާޅުވިއެވެ.
މިކަމާއި ގުޅިގެން އެމެރިކާގެ ރައީސް ޖޯ ބައިޑެން އިއްޔެ އާއްމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ މިހަރިކޭންގެ ސަބަބުން ގެއްލުން ލިބުނު ފަރާތްތަކަށް އެހީ ފޮނުވާ ކަމަށާއި އެހީ އަންނަންދެން، އޮފިޝަލުންގެ އިރުޝާދާއި އެއްގޮތަށް އަމަލުކޮށް، ރައްކާތެރި ތަނެއްގައި ތިބުމަށެވެ.



