ކުޑަކުއްޖަކަށް ސައިކަލުގެ ކޮންޓްރޯލްދީގެން ސައިކަލު ދުއްވި މީހާގެ މައްޗަށް ފިޔަވަޅު އަޅާނެކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
މިމައްސަލަ އާއި ގުޅިގެން ފުލުހުން ވިދާޅުވީ ހައިވޭގައި ދުއްވި ސައިކަލެއްގެ ކޮންޓްރޯލް ކުޑަކުއްޖަކަށްދީގެން ސައިކަލު ދުއްވި މައްސަލައިގައި ހިމެނޭ މީހާ ފުލުހައް ހާޒިރުކޮށް އޭނާ އާއި ސުވާލުކޮށްފައިވާ ކަމަށެވެ.
ފުލުހުން ވިދާޅުވީ ގަސްދުގައި ކުޑަކުއްޖަކު ނުރައްކަލަށް ހުށަހެޅި މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާ ކަމަށެވެ.
ޓްރެފިކް ގާނޫނާއި ޚިލާފުވި މައްސަލައިގައި ފިޔަވަޅު އެޅުމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އަދި ސިވިލް އޭވިއޭޝަނަށް ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން އިތުރަށް ވިދާޅުވީ މިމައްސަލަ އާއި ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ސައިކަލު ދުއްވަން އިން މީހާއަކީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގައި މަސައްކަތް ކުރާ މީހެކެވެ. އަދި ރާއްޖޭގެ އޮންލައިން ނޫހެއް ކަމަށްވާ ’މިހާރު‘ އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި އެމީހާއަކީ ސިފައިންގޭގައި އިލެކްޓްރިކަލް އެންޑް މެކޭނިކަލް އިންޖިނިއަރިން ސެކްޝަންގައި މަސައްކަތް ކުރާ މީހެއްކެވެ. މިކަމާއި ގުޅޭ ގޮތުން ފުލުހުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.



