އެއްވެސް އިންސާނިއްޔަތުކަމަކާއި ނުލައި ޤަވާއިދުތަކާވެސް ނުލައި އިޒްރޭލުގެ ޔަހޫދީ ސިފައިން ލުބްނާނަށާއި ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގެ ތެރެއިން، ދެކުނު ލުބްނާނުގައި މަސައްކަތް ކުރާ އ.ދ ގެ އޮފިޝަލުންތަކަކަށް ވެސް ހަމަލާދީފިއެވެ.
ބޭރުގެ ޚަބަރުތަކުން ބުނާ ގޮތުގައި، ރޭގެ ވަގުތެއްގައި އިޒްރޭލުން ދިން މި ހަމަލާތަކުގެ ސަބަބުން އެތަނުގައި ސުލްހަމަސަލަސް ކަމަށް މަސައްކަތް ކުރާ އ.ދ ގެ އޮފިޝަލުންތަކަކަށް ވެސް ވަނީ ހަމަލާދީ ޒަހަމް ކޮށްލާފައެވެ. އެގޮތުން އިޒްރޭލުގެ ޔަހޫދީ ސިފައިން ހަމަލާ ދީފައިވަނީ ލުބްނާނުގައި މަސައްކަތްކުރާ ޔޫއެންއައިއެފްއައިއެލް ގެ އޮފިޝަލުންތަކަކަށެވެ.
އިޒްރޭލުގެ މި އަމަލާއި ގުޅިގެން ފްރާންސް، އިޓަލީ އަދި ސްޕެއިނުން ބުނީ، މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނޭ ޢަމަލެއް ނޫން ކަމަށެވެ.
ލުބްނާންގެ ދެކުނު އައްސޭރިގެ އިތުރުން އިޒްރޭލުން ރޭގައި ވަނީ ޣައްޒާގެ ޖަބާލިއާ ރެފިއުޖީ ކޭމްޕަކަށް ވެސް ހަމަލާތަކެއް ދީފައެވެ. މިހަމަލާގައި 22 މީހުން މިހާތަނަށް މަރުވެފައިވާ ކަމަށް ރިޕޯޓު ކޮށްފައިވެއެވެ. އިޒްރޭލުން ދިން މި ހަމަލާ ތަހައްމަލުކުރި ޣައްޒާގެ ރައްޔިތުން އެކަން ސިފަކޮށްފައިވަނީ ބާރުގަދަ ބިންހެލުމެއް ޖެހުން ފަދައިންނެވެ.
ޖަބާލިއާގައި މަސައްކަތް ކުރާ ސިއްހީ ޚިދުމަތްތެރީން ބުނީ އިޒްރޭލުން ހަފްތާއަކަށްވުރެ ގިނަ ދުވަސް ވަންދެން ހުއްޓުމެއްނެތި ދެމުންގެންދާ ހަމަލާތަކުގެ ސަބަބުން އެތައް ބަޔަކު އެ ކޭމްޕުތަކުގައި ތާށިވެފައިވާ ކަމަށާއި އެތަނަށް އަންނަ ރައްޔިތުން ދުވަހުން ދުވަހަށް އިތުރުވެގެން ގޮސް މިހާރު އެ ކޭމްޕުތައް ތޮށްޖެހިފައިވާ ކަމަށެވެ. އަދި އިޒްރޭލުން ޣައްޒާ އެއްކޮށް ހަނަފަސް ސަރަހާއަކަށް ހަދާލައިފި ކަމަށް ވެސް އޮފިޝަލުން ސިފަކޮށްފައިވެއެވެ.



