އެމެރިކާގެ އެއް ސިޓީއެއް ކަމަށްވާ ފްލޮރިޑާއަށް އިއްޔެ އެރި ނުރައްކާތެރި ”މިލްޓަން“ ތޫފާނުގެ ސަބަބުން އެތަނުގެ މަގުތަކުގައި ފެންބޮޑުވެ ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.
ބޭރުގެ ޚަބަރުތަކުން ބުނާ ގޮތުގައި މި ތޫފާނުގެ ސަބަބުން އެތައް ނަގޫ ރޯޅިތަކެއް ވެސް ފްލޮރިޑާއަށް އެރިއެވެ. އަދި 10 އަށްވުރެ ގިނަ މީހުން މަރުވިއެވެ.
އިއްޔެ އެރި މި ތޫފާނުގެ ސަބަބުން ފްލޮރިޑާގެ މަގުތަކުގައި ފެންބޮޑުވުމުގެ އިތުރުން، ބައެއް މީހުންގެ ގެދޮރު ސުންނާފަތިވެ، އަނެއްބައި މީހުންގެ ގޭތެރެއަށް އެތައް ބައިވަރު ކުންޏެއް ވަނީ ވަދެފައެވެ. އެތަންތަން ސާފު ކުރުމުގައި އަވަދިނެތި ތިބިއިރު، އެރި ނަގޫރޯޅީގެ ސަބަބުން ބައެއް ރައްޔިތުންގެ އެތައް މުދަލެއް ވަނީ ގެއްލިފައި ކަމަށް ވެސް ރިޕޯޓުތަކުން ބުނެއެވެ. އަދި އެތަކެތި ހޯދުމަށް ބައެއް ރައްޔިތުން މަގުމަތިން ކުނި ހޮވަމުންދާ ކަމަށް ވެސް ރިޕޯޓުކޮށްފައިވެއެވެ. މީގެއިތުރުން ތޫފާން އެރި ބައެއް ސަރަހައްދުތަކުން ކަރަންޓު ވެސް ވަނީ ކެނޑިފައެވެ.
ސައިންޓިސްޓުން ބުނި ގޮތުގައި މިއީ އެރި ވަރަށް ބާރުގަދަ ތޫފާނެކެވެ. އަދި އެ ތޫފާން ކުޑަ ހިނދުކޮޅަކަށް އެރުން އެއީ ނަސީބުކަމަށާއި ތޫފާން އަރާފައިވަނީ މަދު މީސްކޮޅެއް އުޅޭ ސަރަހައްދަކަށްކަން ރިޕޯޓުތަކުން ހާމަ ކޮށްފައިވެއެވެ.
އިއްޔެ އެރި ”މިލްޓަން“ ތޫފާނުގެ ސަބަބުން 10 މީހުން މަރުވެ، އެތައް ބަޔަކު ޒަހަމްވެފައިވެއެވެ. މީގެއިތުރުން ނަގޫރޯޅީގެ ސަބަބުން ވިއްސައިގެން ގޮސްފައި ތިބި ބައެއް މީހުން މިހާރުވެސް ކޯރުތަކުން ސަލާމަތް ކުރަމުންދާ ކަމަށް ރިޕޯޓުތަކުން ބުނެފައިވެއެވެ.
ފްލޮރިޑާގެ ގަވަރުނަރު ރޮން ޑިސޭންޓިސް ވަނީ ރައްޔިތުން އިތުރަށް ސަމާލުވެ ތިބުމަށާއި އަދިވެސް ދިމާވެދާނެ ނުރައްކަލަކަށް ތައްޔާރަށް ތިބުމަށް ގޮވާލާފައެވެ. ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިފައިވީ ނަމަވެސް، މަގުތަކުގައި ފެންބޮޑުވެފައިވުމުގެ ސަބަބުން، ކަރަންޓު ހުރި ސަރަހައްދުތަކުން ވެސް ދިމާވެދާނެ ނުރައްކަލަކަށް ސަމާލުވެ ތިބުމަށް ރޮން ގޮވާލާފައިވެއެވެ.



