ހުޅުމާލޭގައި ދެ ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ކުޑަކުއްޖަކަށް އަނިޔާވެއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، މިއަދު ހެނދުނު ހުޅުމާލޭ ފޭސް 1 ގައި ދެ ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި، ދެ ސައިކަލުގައި ތިބި މީހުންނަށް އެކިވަރުގެ އަނިޔާވެފައިވާ ކަމަށެވެ.
އޭގެ ތެރޭގައި ކުޑަކުއްޖެއް ވެސް ހިމެނޭ ކަމަށާއި އަނިޔާ ލިބުނު ތިން މީހުންނާއި ކުޑަކުއްޖާއަށް ފަރުވާ ދިނުމަށް މިހާރު ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ވެސް އޮފިޝަލު ވިދާޅުވިއެވެ.
މިމައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
މަގުމަތީގެ އެކްސިޑެންޓުތައް ފަހަކަށް އައިސް އަނެއްކާވެސް ގިނަވަމުން އަންނަ ކަމަށް އެކި މުއައްސަސާތަކުން ދަނީ ފާހަގަކޮށް، މަގުމަތީގައި އުޅޭއިރު އަދި ޚާއްސަކޮށް އެއްގަމު އުޅނަދު ދުއްވާފައިދާއިރު ތިމާއާއި އެހެން މީހުންގެ ރައްކާތެރިކަމަށް ވިސްނައިގެން އުޅުމަށް ފުލުހުން އަބަދުވެސް ނަސޭހަތްތެރިވެއެވެ.




