ނިމިދިޔަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ކ. މާފުއްޓަށް މިއަހަރު 135،000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް މާފުށީ ކައުންސިލުން ބުނެފިއެވެ.
މާފުށީ ކައުންސިލުގެ ރައީސް ހުސެއިން ޞަލާހް ބުނީ މިއީ މި މުއްދަތުގައި މުޅި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދާ އަޅާބަލާއިރު އޭގެ 10 އިންސައްތަ ކަމަށެވެ. އެހެންކަމުން މިއީ ވަރަށްވެސް ބޮޑު ކާމިޔާބީއެއް ކަމުގައި ޞަލާހް ފާހަގަކުރެއްވިއެވެ.
މީގެއިތުރުން އޭނާ ވިދާޅުވީ މިއަހަރުގެ މިހާތަނަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު، މާފުއްޓަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު މިއަހަރުގެ ނިޔަލަށް 200،000 ހުރަސް ކުރާނެކަމަށް ލަފާކުރައްވާ ކަމަށެވެ.
”އަދި އަންނަ އަހަރަށް އަޅުގަނޑުމެންގެ ޓާގެޓަކީ މާފުއްޓަށް 300،000 ފަތުރުވެރިން ގެނައުން“ މާފުށީ ކައުންސިލުގެ ރައީސް ވިދާޅުވިއެވެ.
މާފުއްޓަކީ އާންމު ރަށްތަކުގެ ތެރެއިން އެންމެ ފުޅާ ދާއިރާއެއްގައި ފަތުރުވެރިކަން ކުރާ އެއް ރަށެވެ. އެތަނުގައި ގިނަ އަދަދެއްގެ ގެސްޓްހައުސްތައް ހުރުމާއެކު ފަތުރެވިންނަށް ކަމުދާނޭފަދަ އެތައް ޚިދުމަތްތަކެއް ވެސް ފޯރުކޮށްދެއެވެ.



