މިއަހަރުގެ މަސްވެރިކަމުގެ ދުވަހާ ދުޅިގެން މަސްވެރިކަމުގެ އެވޯޑުތަކަށް ކުރިމަތިލުމުގެ ފުރުސަތު މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އިން ހުޅުވާލައިފިއެވެ.
އެގޮތުން އެ މިނިސްޓްރީން މިދިޔަ ބުދަ ދުވަހު ގެޒެޓު ކުރި އިއުލާނެއްގައި ބުނެފައިވަނީ 44 ވަނަ މަސްވެރިންގެ ދުވަސް މިއަހަރު ފާހަގަކޮށް އެ ޚަފްލާ ބޭއްވުމަށް ހަމަޖެހިފައިވަނީ ވެރިރަށް މާލޭގައި ކަމަށެވެ.
އެ ޚަފްލާގައި ހޮވާ ކެޔޮޅުންގެ އެވޯޑާއި ޙިދުމަތްތެރި ފަރުމަސްވެރިޔާގެ އެވޯޑަށް އެދި ކުރިމަތިލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފައެވެ. އެގޮތުން މިދާއިރާތަކުން ތިން އެވޯޑެއް ހޮވުމަށް ހަމަޖެހިފައިވެއެވެ. އެއީ:
- މިހާރުވެސް މަސްވެރިކަމުގައި ޢަމަލީ ގޮތުން އުޅޭ އަދި މަސްވެރިކަން ފިޔަވައި އާމްދަނީ ހޯދުމަށް އިތުރު މަސައްކަތެއް ނުކުރާ އެންމެ ހިދުމަތްތެރި ޒުވާން ކެޔޮޅު (35 އަހަރުން ދަށް)،
- މިހާރުވެސް މަސްވެރިކަމުގައި ޢަމަލީ ގޮތުން އުޅޭ އަދި މަސްވެރިކަން ފިޔަވައި އާމްދަނީ ހޯދުމަށް އިތުރު މަސައްކަތެއް ނުކުރާ އެންމެ ތަޖުރިބާކާރު ކެޔޮޅު (35 އަހަރުން މަތި)، އަދި
- އާމްދަނީ ހޯދުމަށް މައިގަނޑު މަސައްކަތަކަށް ފަރުމަހުގެ ފަރުމަހުގެ މަސްވެރިކަން ކުރާ ހިދުމަތްތެރި ފަރުމަސްވެރިޔާގެ އެވޯޑު، މިއީ އެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ މި ތިން އެވޯޑުގެ ތެރެއިން އެވޯޑަކަށް ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކުން މިކަމާ ގުޅޭ ފޯމު ފުރުމަށްފަހު 7 ނޮވެމްބަރ 2024 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން އެ މިނިސްޓްރީއަށް ހުށަހެޅުމަށެވެ. މިކަމަށް ބޭނުންވާ ފޯމު އެ މިނިސްޓްރީގެ ވެބްސައިޓު www.fisheries.gov.mv އިން ޑައުންލޯޑު ކުރެވޭނެ ކަމަށް ވެސް އިއުލާނުގައި ބުނެފައިވެއެވެ.



