ސިޔާސީ ދައުރުތައް ކުރުވިއަސް ދިގުމުއްދަތެއްގެ ސިޔާސަތެއް އޮތުން މުހިންމު ކަމަށް އދ. ގެ އެސިސްޓަންޓް ސެކްރެޓަރީ ޖެނެރަލް އަދި ޔޫއެންޑީޕީން ދެކުނު އޭޝިއާ އާއި ޕެސިފިކް ސަރަހައްދަށް ކަނޑައަޅުއްވާފައި ހުންނަވާ ރީޖަނަލް ޑައިރެކްޓަރ ކަންނި ވިގަނަރާޖާ ވިދާޅުވެއްޖެއެވެ.
މިހަފްތާގެ މެދުތެރޭގައި ފުވައްމުލަކު ސިޓީއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވާ ނޫސްވެރިންނާ ވާހަކަދައްކަވަމުން ކަންނި ވިދާޅުވީ ރާއްޖެއިން ދުރުރާސްތާގައި ތަރައްޤީގެ ސިޔާސަތުތައް ކަނޑައެޅުމުގެ މަސައްކަތް ފަށާފައިވާކަން ފާހަގަ ކުރައްވާ ކަމަށެވެ. އަދި ތަރައްޤީއަކީ މަދު އަހަރުތަކުން ގެނެވޭނެ ކަމެއް ނޫން ކަމަށް ވެސް ކަންނި ވިދާޅުވިއެވެ.
މީގެއިތުރުން ކަންނި ވިދާޅުވީ ސަރުކާރުގެ 20 އަހަރުގެ ޤައުމީ ތަރައްޤީގެ ޕްލޭން އެކުލަވާލުމަށް ޔޫއެންޑީޕީން އިސްކަމެއް ދޭ ކަމަށެވެ.
ބައެއް ދާއިރާތަކަށް އިންވެސްޓް ކުރުމުން ޤައުމުތަކަށް ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ފަސޭހަވެގެންދާނެ ކަމަށް ވެސް ކަންނި ވިދާޅުވެފައިވެއެވެ



