ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސް (ސީއެސްއެމް) އިން އިންތިޒާމުކޮށްގެން ކޮންމެ އަހަރަކު ކުރިއަށްގެންދާ ”ޕިންކް ރިބަން ރަން ވޯކް“ ހުޅުމާލޭގެ އިތުރުން 11 ރަށެއްގައި ބާއްވައިފިއެވެ.
މިއަދު ކުރިއަށް ގެންދިޔަ މި ހަރަކާތުގައި 2400 އަށް ވުރެ ގިނަ މީހުން ރަޖިސްޓްރީކޮށް ބައިވެރިވެފައިވާއިރު، ބޭންކް އޮފް މޯލްޑިވްސްއިން ވަނީ މިހަރަކާތް ބޭއްވުމަށް އެހީތެރިވެދީފައެވެ.
މިހަރަކާތަކީ އުރަމަތީގެ ކެންސަރަށް ހޭލުންތެރިކަން އިތުރު ކުރުމަށާއި، އަވަހަށް ބަލި ދެނެގަތުމުގެ މުހިންމުކަން އާންމުންނަށް އަންގައިދިނުމުގެ މަގުސަދުގައި ބާއްވާ ހަރަކާތަކަށްވާއިރު، ކެންސަރާ ބެހޭ ހޭލުންތެރިކަން އިތުރު ކުރުމަށާއި، ކެންސަރު ބަލިމީހުންނާއި އެ މީހުންގެ އާއިލާތަކަށް ނަފްސާނީ އަދި އިޖްތިމާޢީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކެންސާ ސޮސައިޓީން ހިންގާ މަސައްކަތްތަކަށް އެހީތެރިވުމުގެ ގޮތުން ބީއެމްއެލްއިން ކެންސާ ސޮސައިޓީއަށް 200،000 ރުފިޔާ ހަދިޔާކޮށްފައެވެ.
ބީއެމްއެލްއިން އަންނަނީ 2016 ވަނަ އަހަރުން ފެށިގެން ކެންސަރާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް ކެންސާ ސޮސައިޓީއަށާއި، ”ޕިންކް ރިބަން ރަން-ވޯކް“ އަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.




