އިދިކޮޅު މައި ސިޔާސީ ޕާޓީ އެމްޑީޕީން ”ލާމަރުކަޒީ ގުޅުން“ ގެ ނަމުގައި، އެ ޕާޓީގެ ކައުންސިލަރުންގެ ކޮންގްރެސެއް މިއަދު ބާއްވައިފިއެވެ.
ކުޅުދުއްފުށި ސިޓީގައި ބޭއްވި މި ކޮންގްރެސްގައި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ އިތުރުން ކުރީ ސަރުކާރުގެ ބައެއް އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އޭގެ ތެރޭގައި ކުރީގެ މިނިސްޓަރުން ކަމަށްވާ ޢަބްދުﷲ ޝާހިދު އާއި ފައްޔާޒް އިސްމާއިލް ވެސް ހިމެނިވަޑައިގަންނަވައެވެ.
އިދިކޮޅު އެމްޑީޕީން ބޭއްވި މި ކޮންގްރެސްގައި ކުރީގެ ރައީސްއާއި ޢަބްދުﷲ ޝާހިދު ވަނީ މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
އެގޮތުން ރައީސް ޞާލިޙް ވިދާޅުވީ މުޅި ލާމަރުކަޒީ ނިޒާމު ފުނޑާލުމުގެ މަސައްކަތް މި ސަރުކާރުން މިހާރު ފަށާފައިވާ ކަމަށާއި އެޓޯލްސް މިނިސްޓްރީ އުފައްދާ، ބާރުތައް ޖަމާކުރުން ފުރަތަމަ ދުވަހުން ފެށިގެން ކުރިއަށްދާ ކަމަށެވެ.
ޢަބްދުﷲ ޝާހިދު ވިދާޅުވީ މި ސަރުކާރުގެ އެންމެ މައިގަނޑު އެއް ފަލްސަފާއަކީ ކައުންސިލަރުންގެ އަގު ވައްޓާލުން ކަމަށާއި ކައުންސިލަރުންނަކީ ނެތް ބައެއް ކަމުގައި، ރައްޔިތުންގެ އިތުބާރު ނެތް ބައެއް ކަމުގައި ދައްކަމުންދާ ކަމަށެވެ.



