”އެންދެރި ޕްރޮޖެކްޓް“ މަޝްރޫއުގެ ދަށުން ލ. އަތޮޅުގެ ތިން ޖަމިއްޔާ އަކަށް އެހީގެ ގޮތުގައި 1.5 މިލިއަން ރުފިޔާ ދީފި އެވެ.
ޖަމިއްޔާތަކަށް އެހީ ހަވާލުކޮށްދެއްވުމަށްފަހު، މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާބެހޭ ވަޒީރު ތޯރިގު އިބްރާހިމް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ތިން ޖަމިއްޔާއަކަށް 1.5 މިލިއަން ރުފިޔާ ދިނުމުގެ އިތުރުން ލ. އަތޮޅުގައި ހިމާޔަތްކޮށްފައިވާ ސަރަހައްދުތައް ބެލެހެއްޓުން ހަރުދަނާ ކުރުމަށް ވެސް 6 މިލިއަން ރުފިޔާ ފޯރުކޮށްދީފައިވާ ކަމަށެވެ.
ތޯރިގު ވިދާޅުވީ މި އެހީގެ ސަބަބުން ލ. އަތޮޅުގެ ހިމާޔަތްކޮށްފައިވާ ސަރަޙައްދުތައް ރައްކާތެރިކޮށް ބަލަހައްޓާ ދެމެހެއްޓެނިވި ގޮތެއްގައި އެތަންތަން ބެލެހެއްޓުމުގެ ފުރުސަތު މަދަނީ ޖަމިއްޔާތަކަށާއި ލޯކަލް ކައުންސިލްތަކަށް ލިބިގެންދާނެ ކަމަށެވެ.
އެންދެރި ޕްރެޖްކްޓަކީ ރާއްޖޭގެ ދިރޭތަކެތީގެ ނަސްލުތަކާއި ޤުދުރަތީ މާޙައުލުގެ އެކައުންޓްސް ޤައުމީ ރައުސުލްމާލުގެ ތެރޭގައި ހިމެނޭނެ ގޮތްތަކެއް ހޯދުމާއިއެކު އެއެކައުންޓްސްގެ ބޭނުންކޮށްގެން ފަރުތަކުގެ މާޙައުލާއި، ގުޅިފައިވާ ޤުދުރަތީ ނިޒާމުތައް ރައްކާތެރިކޮށް ދަމަހައްޓައި، މާޙައުލީ ނިޒާމުތަކުގެ ދުޅަހެޔޮކަން އިތުރުކޮށް ވިލުންތެރިކަން އިތުރުކޮށް، ތަރައްޤީގެ މަޝްރޫޢުތަކުން ލިބޭ ނޭދެވޭ ގެއްލުން ކުޑަކުރެވޭނެ ގޮތްތަކެއްހޯދައި އެފަދަ ގޮތްތައް ނަކަލުކުރެވޭނެ ނިޒާމެއް ހޯދުމަށް މަގުފަހިކުރުމުގެ މަޤްޞަދުގައި ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ޕްރޮޖެކްޓެކެވެ.




