އުމުރުން 45 އަހަރު ނުވާ އަންހެނުންނަށް މަހުރަމަކާ ނުލާ އުމްރާއަށް ދަތުރު ނުކުރެވޭ ގޮތަށް ކަނޑައަޅާފައި އޮންނަ އޮތުން ބަދަލު ކުރުމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އަންގަވައިފިއެވެ.
އިސްލާމީ ކަންތައްތަކާއިބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި އެ މިނިސްޓްރީން އާއްމުކުރި އުމްރާއަށް މީހުން ގެންދިއުމާއި ގުޅޭ އުސޫލުގައިވާ، 45 އަހަރު ނުވާ އަންހެނުން މަހުރަމަކާއި ނުލާ އުމްރާއަށް ނުދެވޭ ގޮތަށް އޮތް މާއްދާ އުވާލެއްވުމަށް ވަޒީރު ވަނީ އަންގަވައިފައެވެ.
މިއީ 2022 ވަނަ އަހަރު އެވުޒާރާއިން އާއްމުކޮށް، އަމަލުކުރަމުން އައި އުސޫލުގައިވެސް ހިމެނިފައިވާ މާއްދާއެކެވެ.
މިމައްދާ އުނިކުރުމަށް ވަޒީރު އަންގަވާފައި ވަނީ ސައުދީ އަރަބިއްޔާއިން ކުރިން އަމަލު ކުރަމުން އައި އުސޫލު ދާދިފަހުން ބަދަލުކުރައްވާ އަންހެނުންނަށް މަޙުރަމަކާއި ނުލާ އުމްރާ ކުރަން ދެވޭނެ ގޮތަށް ބަދަލުކުރައްވާފައިވާތީއެވެ.
މިއާއިއެކު ވަޒީރުގެ އެންގެވުމުގެ މަތީން މިއަދު އެވުޒާރާއިން އާއްމުކޮށްފައިވާ އާ އުސޫލުގައި މި މާއްދާ ވަނީ ބަދަލުކޮށްފައެވެ.
އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވީ މިހާރު އެކުލަވާލާފައިވާ އުސޫލަކީ އުމްރާއަށް މީހުން ގެންދިއުމުގެ ކަންކަން އިތުރަށް ހަރުދަނާކޮށް، އުމްރާއަށް މީހުން ގެންދިއުމަށް އެދި ޕްރޮޕޯސަލް ހުށައަޅާ ކުންފުނިތަކަށްވެސް ކުރިއަށްވުރެ ބޮޑުތަން ލުއި ވާނެ ގޮތަށް އެކުލަވާލާފައިވާ އުސޫލެކެވެ.
އެގޮތުން މިއުސޫލުގެ ދަށުން މީގެ ކުރިން އަހަރަކު ދެ ފަހަރު ޕްރޮޕޯސަލް ހުށައެޅުމަށް ހުޅުވާލާ ގޮތަށް އޮތް އޮތުން ވަނީ ބަދަލު ކުރައްވާ އަހަރުގެ ކޮންމެ ހިސާބެއްގައިވެސް އެކަމަށް އެދި ޕްރޮޕޯސަލް ހުށަހެޅޭނެއެވެ. ހަމައެއާއިއެކު މިއުސޫލުގެ ދަށުން އުމްރާއަށް މީހުން ގެންދިއުމަށް ހުއްދަ ހޯދާ ފަރާތްތަކުން އުސޫލާއި އެއްބަސްވުމާއި ޚިލާފުވެއްޖެނަމަ ބޮޑެތި ޢަދަދުތަކުން ޖޫރިމަނާ ކުރެވޭނެއެވެ.



