ޔަހޫދީ އިޒްރޭލު ސިފައިން ޣައްޒާގެ ޖަބާލިއާ ރެފިއުޖީ ކޭމްޕަށް ނިރުބަވެރި ހަމަލާތަކެއްދީ ކުޑަކުދިންތަކެއް ވެސް ޝަހީދުކޮށްލައިފިއެވެ.
ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި އިޒްރޭލުން ޣައްޒާގެ އުތުރުގައި އޮންނަ ޖަބާލިއާ ރެފިއުޖީ ކޭމްޕަށް އިއްޔެ ދިން މި ހަމަލާގައި މިހާތަނަށް 22 މީހަކު ޝަހީދުވެފައިވެއެވެ. އޭގެ ތެރޭގައި ކުޑަކުދިންނާއި އަންހެނުން ވެސް ހިމެނެއެވެ.
އިޒްރޭލުން އަންނަނީ ޣައްޒާގެ އެތައް ރައްޔިތުންނެއް އެމީހުން އަމިއްލަ ގެއާއި ވަޒަން ދޫކޮށްފައި ދިޔުމަށް ގޮވައިލަމުންނެވެ. އެގޮތުން އިއްޔެ ދިން މި ހަމަލާވެސް ދިނުމުގެ ކުރިން، ޣައްޒާގެ އުތުރުފަޅީގައި ދިރިއުޅޭ (ޚާއްސަކޮށް ޖަބާލިއާ ސަރަހައްދުގައި ތިބި) ރައްޔިތުން އެސަރަހައްދުތައް ދޫކޮށް ދެކުނުފަޅިއަށް ދިޔުމަށް ވަނީ ގޮވައިލާފައެވެ. ނަމަވެސް މިއީ ހަމަލާތައް ދިނުމުގެ ކުރިން އިންޒާރު ދިން ކަމަށް ދުނިޔެއަށް އަންގައިދިނުމުގެ ގޮތުން އިޒްރޭލުން ބޭނުންކުރާ އުކުޅެއްކަން ހާމަވާ ކަމަށާއި ހަގީގަތުގައި އެސަރަހައްދުތައް ދޫކޮށް ދިޔުމަށް ފުރިހަމަ ވަގުތުވެސް ނުދޭކަން ރިޕޯޓުތަކުން ފާހަގަކޮށްފައިވެއެވެ.
މިފަދަ ނުރައްކާތެރި ހަމަލާއެއް އިޒްރޭލުން އިއްޔެ ދީފައިވާއިރު، ޖަބާލިއާ ސަރަހައްދަށް މީގެ އެއް ހަފްތާ ކުރިން ވެސް އިޒްރޭލުގެ ޔަހޫދީ ސިފައިން ވަނީ މިފަދައިން ހަމަލާތަކެއްދީ އެތައް ބަޔަކު ޝަހީދު ކޮށްލާފައެވެ. އެޢަމަލު ދިފާއުކުރުމުގެ ގޮތުން އިޒްރޭލުގެ އަސްކަރިއްޔާއިން ބުނީ އެއީ ހަމާސް ޖަމާއަތުން ހަމަލާދޭން އުޅޭތީ އެކަން ހުއްޓުވުމުގެ ގޮތުން ދިން ހަމަލާއެއް ކަމަށެވެ. އިޒްރޭލުގެ މިހަމަލާތަކުގެ ސަބަބުން ޣައްޒާގެ އެތައް ބައިވަރު އާންމު ރައްޔިތުންނާއި ބޭރުގެ ބައެއް ޑޮކްޓަރުން ވެސް ތިބީ ޖަބާލިއާގައި ތާށިވެފައެވެ.
އިޒްރޭލުން ދިން މިސަބަބުތައް ދޮގުކޮށް ހަމާސްއިން ބުނީ އެ ހަމަލާތަކަކީ އެމެރިކާއިން ހިތްވަރުދީގެން، ޣައްޒާ އެއްކޮށް ނައްތާލުމަށް ރާވައިގެން އިޒްރޭލުން ގެންދާ ހަމަލާތަކެއް ކަމަށާއި އެނޫން އިތުރު ސަބަބެއް އޭގައި ނެތް ކަމަށެވެ.



