ބައިނަލްއަޤްވާމީ ގޮތުން ފާހަގަ ކުރާ ކާރިސީ ހިރާސްތައް ކުޑަކުރުމުގެ ދުވަހާ ގުޅުވައިގެން ފެނަކައިން ޚާއްޞަ ޙަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ.
އެގޮތުން، އެ ކުންފުނިން ޚިދުމަތްދޭ ރާއްޖޭގެ 151 ރަށެއްގައި ޤާއިމްކޮށްފައިވާ ފެނަކައިގެ ބްރާންޗްތަކުގެ މުވައްޒަފުންނަށް ޚާއްސަކޮށް، ކުއްލި ޙާލަތްތަކުގައި އިޖާބަދޭނެ ގޮތުގެ ޢުޞޫލުތަކެއް އެކުލަވާލެވި ތަންފީޒު ކުރަން ފަށާފައިވެއވެ. މި ޢުޞޫލުގައި، ޤުދުރަތީ ގޮތުން ނުވަތަ އެހެނިހެން ސަބަބުތައް މެދުވެރިވެގެން ކުރިމަތިވާ ކުއްލި ޙާލަތްތަކުގައި ޢަމަލުކުރަންޖެހޭ ގޮތްތަކުގެ ތަފްސީލުގެ އިތުރުން، މިފަދަ ޙާލަތްތަކުގައި ޙަރަކާތްތެރިވާނެ ޓީމް އެކުލަވާލެވިގެންވާ ގޮތް ހިމެނޭނެ ކަމަށް ފެނަކައިން ބުނެފައިވެއެވެ.
”ތައްޔާރު“ ގެ ނަމުގައި މި ފެށުނު ޙަރަކާތް، ފެނަކައިން ޚިދުމަތްދޭ ހުރިހާ ބްރާންޗްތަކެއްގައި މިއަދު ހެނދުނު ކުރިއަށް ގެންދެވުނުއިރު، މި ޓީމްތަކަށް މުވައްޒަފުން ކަނޑައެޅި، އެފަދަ ޙާލަތެއްގައި ޓީމުތަކާއި މުވައްޒަފުން ޙަރަކާތްތެރިވާންޖެހޭ ގޮތުގެ ތިއަރީ ތަމްރީނުތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ. މިއީ، ކާރިސާތަކާއި ކުއްލި ޙާލަތްތަކުގައި ޢަމަލު ކުރާނެގޮތުގެ އިތުރުން، ފެނަކައިގެ ޢިމާރާތްތަކުގައި ހުންނަން ޖެހޭ ސަލާމަތީ މިންގަނޑު، ޔުޓިލިޓީ ރެގިއުލޭޓަރީ ޤަވައިދާ އެއްގޮތަށް އެކުލަވާލުމުގެ މަސައްކަތުގެވެސް މުހިއްމު ފިޔަވަޅެއް ކަމުގައި ފެނަކައިން ދެކެއެވެ.
ފެނަކައިން ބުނި ގޮތުގައި މި ޙަރަކާތަކީ، ކުރިއަށް އޮތް އަހަރެއްހާ ދުވަހަށް ރާވާލެވިފައިވާ ގިނަ ބައިތަކެއްގެ މައްޗަށް އެކުލެވޭ ޙަރަކާތެކެވެ. އެގޮތުން އެންމެ އިސްކަމެއްގެ ގޮތުގައި، ކުއްލި ޙާލަތްތަކުގައި އަމަލުކުރާނެ ގޮތުގެ އަމަލީ ތަމްރީނުތައް މުވައްޒަފުންނަށް ދިނުމާއި، މިފަދަ ޙާލަތްތަކަށް ބޭނުންވާނެ އަސާސީ ސާމާނު، ފެނަކައިގެ ހުރިހާ ބްރާންޗެއްގައި ހުރިކަން ކަށަވަރުކުރުން ހިމެނެއެވެ.

ކުއްލި ޙާލަތްތަކަށް ތައްޔާރުވުމަށް މުވައްޒަފުންނަށް ބޭނުންވާނެ ޢަމަލީ ތަމްރީނު ދިނުމަށްޓަކައި، އެމްއެންޑީއެފްއާއެކު ފެނަކައިން މިހާރު ވަނީ މަޝްވަރާތަކެއް ފަށައިފައެވެ. އަދި ކުރިއަށް އޮތް އަހަރު ދުވަހަށް ބަލާލައިގެން މިފަދަ ތަމްރީނުތައް ކުރިއަށް ގެންދިޔުމަށް އެމްއެންޑީއެފްއާއެކު އެމްއޯޔޫއެއްގައި ސޮއި ކުރުމުގެ މަސައްކަތްވެސް އެ ކުންފުނިން ދަނީ ކުރަމުންނެވެ.
ފެނަކައިގެ މަޤުސަދަކީ، ފެނަކައިން ހިންގާ ހުރިހާ އިންޖީނުގެތަކާއި، އާރުއޯ ޕްލާންޓްތައް، ޔުޓިލިޓީ ރެގިއުލޭޓަރީގެ ސަލާމަތީ މިންގަނޑުތަކަށް ފެއްތުމާއެކު، ފެނަކައިގެ ކޮންމެ ބްރާންޗެއްގައިވެސް ކުއްލި ޙާލަތްތަކަށް ތައްޔާރުވެފައި ތިބި މުވައްޒަފުން ތިބިކަން ޔަގީންކުރުން ކަމުގައި ވެސް ފެނަކައިން ބުނެފައިވެއެވެ.




