އިންޓަ-ޕާލިމެންޓް ޔޫނިއަން (އައިޕީޔޫ) ގެ 149 ވަނަ އެސެމްބްލީގައި ބައިވެރިވެ ވަޑައިގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ޖެނީވާއަށް ރޭ ފުރާވަޑައިގެންފިއެވެ.
މި އެސެމްބްލީއަކީ ހުރިހާ ގާނޫނީ އިދާރާތަކުގެ ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައިވާ އެސެމްބްލީއެކެވެ. އޭގެ ތެރޭގައި ގަވަރުނިން ކައުންސިލާއި، ސްޓޭންޑިން ކޮމިޓީތަކާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިންސާނީ ހައްގުތަކާބެހޭ ކޮމިޓީތަކާއި މެދުއިރުމަތީގެ ސުވާލުތަކާ ބެހޭ ކޮމިޓީތަކުގެ އިތުރުން، ފޯރަމް އޮފް ވިމެން ޕާލިމެންޓޭރިއަންސް އާއި، ޒުވާން މެމްބަރުންގެ ފޯރަމް ވެސް ހިމެނެއެވެ.
އެގޮތުން އައިޕީޔޫގެ އާންމު ބަހުސްގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލަނީ ސައިންސް، ޓެކްނޮލޮޖީ އެންޑް އިނޮވޭޝަން (އެސްޓީއައި) ބޭނުންކޮށްގެން ސުލްހަވެރި އަދި ދެމެހެއްޓެނިވި މުސްތަގުބަލަކަށެވެ. އަދި މަންދޫބުންނަށް ވިސްނުމާއި ހިޔާލު ބަދަލުކޮށް ބަރުލަމާނީ ފިޔަވަޅުތައް އެޅުމަށް ޕްލެޓް ފޯމެއް ވެސް މި އެސެމްބްލީގައި ފަހިކޮށްދެނެއެވެ.
އައިޕީޔޫގެ 149 ވަނަ އެސެންބުލީ ކުރިއަށް ދާނީ މިއަދުން ފެށިގެން މިހިނގާ އޮކްޓޯބަރު މަހުގެ 17 ވަނަ ދުވަހާ ހަމައަށެވެ.




