”ގެދޮރުވެރިޔާ ސްކީމް“ އިން ފްލެޓު ލިބޭ މީހުންގެ ލިސްޓުގައި ހުރި މައްސަލަތައް ހައްލުކުރުމަށް ފަހު މި މަސް ނިމުމުގެ ކުރިން އިއުލާނު ކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފި އެވެ.
މި ސްކީމަކީ މާލެ ސަރަހައްދުގައި ދިރިއުޅޭ މާލޭ ރަށްވެހިންނަށް ފްލެޓު ދިނުމަށް ކުރީ ސަރުކާރުން ހުޅުވާލި ސްކީމެކެވެ. އަދި އެ ސަރުކާރުގެ ދައުރު ހަމަވީއިރު ފްލެޓު ލިބުނު ދާއިމީ ލިސްޓެއް ގެޒެޓުކޮށްފައިވެއެވެ. ދައުރު ހަމަވީ ފްލެޓު ލިބުނު ބައެއް މީހުންނާ އެކު ފްލެޓު ކަނޑައަޅާ އެއްބަސްވުމެއްގައި ސޮއިކޮށްފައި ވަނިކޮށެވެ.
ނަމަވެސް ދާއިމީ ލިސްޓަށް ގިނަ ބަޔަކު ޝަކުވާ ހުށަހަޅާފައިވާތީ، އޭސީސީން އެކަން ތަހުގީގުކޮށް ބެލިއިރު، އޭގެ ތެރެއިން 59.6 އިންސައްތަ ފޯމަކީ ޝަރުތު ހަމަނުވާ ފޯމުތަކެއްކަން ހާމަވެފައިވެއެވެ. އެހެންކަމުން އެ ލިސްޓު އަލުން މުރާޖައާކޮށް، އަލުން އާންމު ކުރާނެ ކަމަށް ހައުސިންގް މިނިސްޓްރީން ބުންޏެވެ.
މިކަމާ ގުޅިގެން އެ މިނިސްޓްރީން މިއަދު ބުނީ ރައީސް މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް މި ހިނގާ އޮކްޓޫބަރު މަސް ނިމުމުގެ ކުރިން ލިސްޓު އިއުލާންކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.




