ރާއްޖޭގައި އަލަށް ޤާއިމްކުރެވުނު ޑިވެލޮޕްމަންޓް ބޭންކަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ލައިސެންސް ދޫކޮށްފި އެވެ.
މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ބޭންކަށް ލައިސެންސް ހަވާލުކޮށްފައި ވަނީ އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރެވެ. އަދި މިލައިސެންސާއި ހަވާލުވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެވެ.
މިދިޔަ ޖުލައި މަހުގެ 28 ގައި ޑިވެލޮޕްމެންޓް ބޭންކު އުފައްދަން އިކޮނޮމިކް މިނިސްޓްރީން އެމްއެމްއޭ އަށް ހުއްދަ އަށް އެދި ހުށަހަޅާފައިވާއިރު، ސަރުކާރުން ވަނީ މިދިޔަ މަހުގެ ތެރޭގައި ބޭންކުގެ އިސް މަގާމުތަކަށް ބޭރުގެ ތަޖުރިބާކާރުން ވެސް އައްޔަންކޮށްފައެވެ. އެގޮތުން ބޭންކުގެ ސީއީއޯގެ މަގާމަށް އިނގިރޭސިވިލާތުގެ ނޮއެލް ގްރެގާ އައްޔަންކޮށްފައިވާއިރު، ޗެއާޕާސަނަކަށް އައްޔަންކޮށްފައި ވަނީ ސިންގަޕޫރުގެ އަރޫނީ ގުނިޓެލެކީ އެވެ.
ސަރުކާރުން ބުނެފައިވާ ގޮތުގައި މި ބޭންކު ހުޅުވުމުން، ރާއްޖޭގެ މާލީ ދާއިރާއަށާއި ތަރައްޤީގެ އެހެނިހެން ދާއިރާތަކަށް ބޭނުންވާ ފައިސާ ހޯދުމަށް ވަރަށްބޮޑު ކުރިއެރުމެއް ލިބިގެންދާނެއެވެ. ހަމައެހެންމެ، ޓޫރިޒަމް އިންޑަސްޓްރީގައި ރިސޯޓް ހެދުމާއި، އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިންނާއި ރިއަލްއެސްޓޭޓާއި ހައުސިންގ ފަދަ ދާއިރާތަކުން އިންވެސްޓުކުރާނެ ފަރާތްތަކަށް މުހިންމު ހަބެއްގެ ގޮތުގައި މި ބޭންކު ވެގެންދާނެ ކަމަށްވެސް ސަރުކާރުން ވަނީ ބުނެފައެވެ.




