މާލޭގެ ކަސްޓަމްސް ސަރަހައްދުގައި ހުންނަ މ. ހަސޯވާ ގޭގެ ވަނަ ފަންގިފިލާއިން ވެއްޓި މަރުވި ވިފާގު އިބްރާހިމް އަދުނާނުއަށް ޖިންސީ ގޮތުން އެއްވެސް އިރެއްގައި ގޯނާއެއް ކޮށްފައި ނުވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
މިއަދު އިސްކަންދަރު ބިލްޑިންގްގައި ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ފުލުހުން ވިދާޅުވީ ސީއެޗްއެސްސީ ގައި ކިޔަވަން އުޅުން ދުވަސްވަރުން ފެށިގެން ވިފާގުގެ ނަފްސާނީ މައްސަލަ ހުންނަކަން ފާހަގަވެފައިވާ ކަމަށެވެ.
ފުލުހުން ވިދާޅުވީ މިމައްސަލަ އާއި ގުޅިގެން މިހާތަނަށް އެއްކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، 2016 ވަނަ އަހަރުން ފެށިގެން ވިފާގު ނަފްސާނީ ބައްޔަށް ފަރުވާ ހޯދައި ބޭސް ބޭނުން ކުރާ ކަމަށާއި، ތެރަޕީ ސެޝަންތައް ވެސް ނަގާފައިވާ ކަމަށާއި، ސައިކޮލޮޖީ ފަރުވާ ވެސް ނަގާފައިވާ ކަން ހާމަވެފައިވާ ކަމަށެވެ.
މީގެއިތުރުން އޭނާ މަރުވި ދުވަހު، އެއިމާރާތް ފުލުހުން ބެލިއިރު، ބެލްކަނީގައި ގޮނޑިއަކާއި، ފަތްތަކެއް ހުރި ސައިތަޓެއް ވެސް ހުރި ކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި އެދުވަހު ފުލުހުން އޭނާގެ ކޮޓަރިން ފޮއްޓެއްގައި އޮތް ޑިސްޕްލޭ ތަޅައިގެން ގޮސްފައި އޮތް އައިފޯނަކާއި، އެނދުމަތީ އޮތް ލެޕްޓޮޕެއްގެ އިތުރުން ނަފްސާނީ ބައްޔަށް ކާ ބޭސްތަކާއި، ފަރުވާ ކުރާކަން ހާމަކޮށްދޭ ލިޔެކިއުންތައް ހުރި ފައިލެއް ނަގާފައިވާކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
އޮގަސްޓު 14 ވަނަ ދުވަހުގެ ރޭ އެއިމާރާތުން ފުއްމާލައިގެން މަރުވި ވިފާގަކީ ޖިންސީ ގޯނާގެ ޝިކާރައަށް ގޮސްފައިވާ ފަރާތެއް ކަމަށާއި އަދި އޭނާގެ ނަފްސާނީ ދުޅަހެޔޮކަމަށް އަސަރުކޮށްފައި ވަނީ އެކަމުގެ ސަބަބުން ކަމަށް ބުނެ ދެކެވެމުން އަންނަ ވާހަކަތަކުގެ މައްޗަށް އަލިއަޅުވާލާ ފުލުހުން ވިދާޅުވީ އޭނާގެ ހަށިގަނޑު ގެންގޮސް ތަހުލީލު ކުރުމުން އޭނާ އަކީ ބިކުރުވެރި އަންހެނެއްކަން ފުލުހުންނަށް ކަށަވަރު ކުރެވިފައިވާ ކަމަށެވެ.
އެހެންނަމަވެސް ފުލުހުން ވިދާޅުވީ ތަހުގީގުގެ ތެރެއިން ވިފާގުގެ ބައްޕަ ދިން ބަޔާނުގައި ވިފާގުއަށް ޖިންސީ ގޯނާއަށް ޝައްކު ކުރެވޭ ކަމަށް ބުނެފައިވާ ކަމަށެވެ.
މީގެއިތުރުން، ފުލުހުން ވިދާޅުވީ ވިފާގުއަށް ނަފްސާނީ ގޮތުން އަސަރުކޮށްފައި ވަނީ މަންމައާއި ބައްޕަގެ ވަރިއަށް ފަހު އާއިލާ ރޫޅުމުގެ ސަބަބުން ކަމަށް ފާހަގަކުރެވޭ ކަމަށެވެ.
މިމައްސަލައިގެ ތަހުގީގުގެ ތެރެއިން މިހާތަނަށް ކުއްޖާގެ މަންމަ އާއި ބައްޕަ އާއި ދޮންބައްޕަގެ އިތުރުން އާއިލާ މީހުންނާއި އެއިމާރާތުގެ އެހެން ފަންގިފިލާތަކުގައި ދިރިއުޅޭ މީހުންނާއި އެހާދިސާ ހިންގި އިރު އެސަރަހައްދުގައި ތިބި މީހުންނާ ސުވާލުކޮށް، ވިފާގަށް ނަންސާނީ ގޮތުން ރާއްޖެއިންނާއި އިންޑިއާއިން އަދި ޔޫކޭއިން ވެސް ފަރުވާ ހޯދާފައިވާ އިރު، އެތަންތަނުގެ ލިޔެކިޔުންތަކާއި މެޑިކަލް ރިޕޯޓްތަކުން މައުލޫމާތު އެއްކޮށްފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
އެހެންނަމަވެސް އަދިވެސް ވިފާގެ ތެރަޕީ ސެޝަންތަކުގައި އުޅުނު ޑޮކްޓަރުންނާއި ތެރަޕިސްޓުންނާ ސުވާލު ކުރުމުގެ ކަންކަން ކުރިއަށްދާކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން އިތުރަށް ވިދާޅުވީ މީގެކުރިން އެތައް ފަހަރަކު ވިފާގްގެ ފަރާތުން އަމިއްލަ ނަފްސަށް ގެއްލުން ދޭން މަސައްކަތް ކުރާނެ ފަދަ ކަންކަން ފާހަގަވެފައިވާ ކަމަށެވެ. އެގޮތުން 2023 ވަނަ އަހަރު ވިފާގް ޔޫކޭގައި ހިސްޓްރީ އެންޑް ޕޮލިޓިކްސް ކިޔަވަން ހުރި ދުވަސްވަރު މަންމަ އަށް ގުޅައިގެން ވާހަކަ ދެއްކި ދުވަހެއްގައި ވިފާގް ބޭސްތަކެއް ކެއި ކަމަށާއި ޖެހިގެން އައި ދުވަހު ބޯ ބާލައިފައި ހުރުމުން އޭނާގެ މަންމަގެ ހަރަދުގައި ބައްޕަ ޔޫކޭއަށް ފޮނުވައި އޭނާ އަނބުރާ ރާއްޖެ ގެނައީއެވެ.
އެއަށްފަހު މިއަހަރުގެ އޭޕްރީލް މަހުގެ 23 ވަނަ ދުވަހުގެ ރޭ، ވިފާގް ގެއިން ނިކުމެގެން ގޮސް ފޯނަށް ޖަވާބު ނުދީ ގެއަށް އެނބުރި ނައުމުން އޭނާގެ މަންމަ އެ މައްސަލަ ފުލުހުންނަށް ރިޕޯޓް ކޮށްފައެވެ. އަދި އެރޭ ވިފާގް ހުރީ ބްރިޖު ބަލާ ޕްލެޓް ފޯމް މަތީގައި ކަމުން އެތަނަށް ފުލުހުން އޭނާގެ މަންމައާ އެކު ދިއުމުން އޭނާ އަނބުރާ ގެއަށްދާނީ ދޮންބައްޕަ އޭނާ ގާތުން މައާފަށް އެދުމުން ކަމަށް ވިފާގް ބުނެފައިވާކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ.
ވިފާގް ގެއިން ނިކުތީ މަންމައާ އަޑު ބާރުކޮށް ވާހަކަ ދައްކާތީ އެ ގޮތަށް ވާހަކަ ދައްކަންޏާ އެ ގޭގައި ނުހުރެވޭނެ ކަމަށް ދޮން ބައްޕަ ބުނުލުން ކަމަށް މަންމަ ބުނެފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި އޭނާ ގެއަށްދާން ދެކޮޅު ހެދުމުން ވިކްޓިމް ސަޕޯޓްގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށާއި، ފަހުން ވިފާގް ވަނީ ގެއަށް ދާން ބޭނުން ކަމަށް ބުނެ އެރޭ 3:45 ހާއިރު މަންމަ އާއެކު ގެއަށް ގޮސްފައި ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން އިތުރަށް ވިދާޅުވީ މިމައްސަލަ އަދިވެސް އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.



