ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ތުހުމަތުގައި ކުރީގެ ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ ނާއިބް އަދި މިނިސްޓްރީގެ ކޯޑިނޭޓަރުގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ފޮނުވައިފިއެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަނުން މިއަދު ވިދާޅުވީ 2018 ވަނަ އަހަރު މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ އޭރުގެ 2 އިސްވެރިއެއް މާލޭގެ ގޯއްޗަކުން ދައުލަތަށް ލިބިފައިވާ ބައެއް ވިއްކުމުގައި، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދީފައިވާތީ، އެމީހުންގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ހުސްވި މަހުގެ 30 ވަނަ ދުވަހު ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.
އޭސީސީން ވަނީ އޭރުގެ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ނާއިބް ނާއިފު ޝައުކަތު (ހ.އަގޮސްޓާ، މާލެ) އާއި އެ މިނިސްޓްރީގެ ކޯޑިނޭޓަރ ޙަސަން ވަޙީދު (ދަފްތަރު 12537، މާލެ) ގެ މައްޗަށް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދަޢުވާ ކޮށްދިނުމަށް އެދިފައެވެ.
މިމައްސަލައިގައި އެ ގޯތިން ދައުލަތަށް ލިބުނު ބިމާ އިންވެގެން އޮތް ބިމުގެ ވެރިފަރާތުން އެ ބިން ގަތުމަށް އެދިފައި ވަނިކޮށް ބިމާއި ދުރުގައި އޮތް ބިމުގެ ވެރިފަރާ އެ ބިން ވިއްކާފައިވާއިރު، އެ ނިންމުން އެ ގޮތަށް ނިންމާފައިވަނީ، އޭރު ޢަމަލުކުރަމުންދިޔަ ”ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން ދައުލަތަށް މިލްކުވެފައިވާ ބިންތައް ވިއްކުމާ ބެހޭ އުޞޫލު“ އާއި ޚިލާފަށް އިންވެގެން އޮތް ގޯތީގެ ވެރިފަރާތުން އަދި އެހެން ފަރާތަކުން އެބިން ގަންނަން އެދިފައިވަނިކޮށް ކަމަށް އޭސީސީން ބުނެފައިވެއެވެ.
މީގެއިތުރުން އެ އެޞޫލު އިޞްލާޙުކުރަމުންދާ ކަމަށް ބުނެ، އެ ބިން ވިއްކުން މަޑުޖައްސާލައި، އެ ބިމާ ދުރުގައި އޮތް ބިމުގެ ވެރިފަރާތަށް ބިން ވިއްކާލާފައިވާކަމަށް އޭސީސީން ވަނީ ފާހަގަކޮށްފައެވެ.
އެއުޞޫލުގައި، ބިން ވިއްކުމުގެ ކުރިން ގޯތީގެ ބެހެނިވެރިންނާއި ވާރިސުންގެ ދިރިއުޅުމުގެ ޙާލަތު ވަޒަންކުރަންޖެހޭކަމަށް ކަނޑައަޅާފައިވާއިރު، އެ ބިން ގަތުމަށް ހުށަހެޅި ދެފަރާތުގެ ދިރިއުޅުމުގެ ޙާލަތު ވަޒަންކޮށްފައި ނުވާކަން ތަހުޤީޤަށް ހާމަވެފައިވާ ކަން ފާހަގަކުރައްވާ އޭސީސީން ވިދާޅުވީ އެކަން ކޮށްފައިވަނީ ބިން ވިއްކި ފަރާތަށް ނާޖާއިޒު ފައިދާ ހޯދައި ދިނުމުގެ ބޭނުމުގައި ކަންވެސް ތަހުޤީޤަށް ހާމަވެފައިވާ ކަމަށެވެ.
އޭސީސީން އިތުރަށް ވިދާޅުވީ ޙަސަން ވަޙީދާއި ނާއިފު ޝައުކަތު ޢަމަލުކޮށްފައިވާ ގޮތަށް ބަލުމުން، އެފަދައިން އަމަލުކޮށްފައި ވަނީ، އެ ބިން ގަތް ފަރާތަށް ނާޖާއިޒު މަންފާއެއް ހޯދައިދިނުމުގެ ނިޔަތުގައިކަމާއި، އެ ޢަމަލުތަކުގެ ސަބަބުން އެފަރާތަށް ނާޖާއިޒު މަންފާއެއް ހޯދާދެވިފައިވާކަން ތަޙުޤީޤަށް ހޯދި ހެކިޤަރީނާއިން ސާފުވާ ކަމަށެވެ.



