ޣައްޒާގެ ހޮސްޕިޓަލަކަށް އުދުވާނީ ހަމަލާތަކެއްދީ އެތައް ބަޔަކު ޒަހަމް ކޮށްލުމަށްފަހު، އެޢަމަލު ދިފާއު ކުރުމުގެ ބަހަނާއެއްގެ ގޮތުގައި، އެތަނަށް ބޮން އެޅުމުގެ ކުރިން އެތަން ހުސްކުރަން ކުރިން ބުނި ކަމަށް ޔަހޫދީ އިޒްރޭލުން ބުނެފިއެވެ.
އިޒްރޭލުން އިއްޔެ ޣައްޒާގެ ހޮސްޕިޓަލަކަށް ބޮން އަޅައި ދިން އުދުވާނީ ހަމަލާގެ ސަބަބުން މިހާތަނަށް ހަތަރު މީހަކު ޝަހީދުވެ 70އަށްވުރެ ގިނަ މީހުން ޒަހަމްވެފައިވާ ކަމަށް ރިޕޯޓުކޮށްފައިވެއެވެ.
ދީރުލް ބަލާހްގައި ހުރި އެ ހޮސްޕިޓަލަށް ހަމަލާ ދިނުމުގެ ކުރިން އިޒްރޭލުން ވަނީ އެ ހޮސްޕިޓަލާ މާދުރު ނޫން ހިސާބެއްގައި ހުރި ޣައްޒާގެ ރެފިއުޖީ ކޭމްޕަކަށް ވެސް ހަމަލާ ދީފައެވެ.
ރިޕޯޓުތަކުން ބުނާ ގޮތުގައި މިހަމަލާތަކުގެ ސަބަބުން ޝަހީދުވި މީހުންގެ އަދަދު އިތުރުވުން ވެސް އެކަށީގެންވެއެވެ. އަދި މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރެވެން އޮތް ވަރަކުން ކުރަމުންދާ ކަމަށް ވެސް ޣައްސާގެ ސިއްހީ ހިދުމަތްތެރީން ބުނެފައިވެއެވެ.
ހޮސްޕިޓަލަށާއި ކޭމްޕަށް ދިން މި ހަމަލާގެ އިތުރުން އިޒްރޭލުން އިއްޔެ ވަނީ ހިމާޔަތްކަން ހޯދުމަށް ޣައްޒާގެ ނުސީރަތުގައި ހުރި ސްކޫލެއްގެ ތެރޭގައި ތިބި ބަޔަކަށް ވެސް ހަމަލާދީ، 22 މީހުން ޝަހީދުކޮށްލާ 80 މީހުން ޒަހަމް ކޮށްލާފައެވެ.
އިޒްރޭލުން ފަލަސްތީނުގެ ކުށެއްނެތް ރައްޔިތުންނަށް ދެމުންގެންދާ މިހަމަލާތަކާ ގުޅޭގޮތުން ބުނީ، މިހަމަލާތައް ދިނީ އިޒްރޭލުގެ އުތުރު ސަރަހައްދުގައި އޮތް ބިންޔާމިނާގެ އާމީބޭސްއަކަށް ހިޒްބުﷲ އިން ހަމަލާދީ ހަތަރު މީހަކު މަރާލުމުން ކަމަށެވެ.



