ސަރުކާރުން ވަޒީރުންގެ މަޖިލީހަށް ގެނައި ބަދަލާއެކު، ވަޒީރުންގެ މަގާމުތަކަށް އަލަށް އައްޔަނު ކުރެއްވި ބޭފުޅުންނަށް ރުހުން ހޯއްދެއްވުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވި މައްސަލަ އިތުރަށް ދިރާސާކޮށް ގޮތެއް ނިންމުމަށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ފޮނުވައިފިއެވެ.
މިދިޔަ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު ބޭއްވި މަޖިލިސް ބައްދަލުވުމަކަށްފަހު ވަޒީރުންގެ މަޖިލިހަށް ވަނީ ބަދަލެއް ގެނެސްފައެވެ.
އެގޮތުން ހެލްތު މިނިސްޓަރުގެ މަގާމުގައި ހުންނެވި ޑރ. އަބްދުالله ހަލީލު ފޮރިން މިނިސްޓަރަކަށް އަދި ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެސިޑެންޓް އޮން ޕަބްލިކް ޕޮލިސީގެ މަގާމު ފުރުއްވަމުން ގެންދެވި އަބްދުﷲ ނާޒިމް އިބްރާހިމް ހެލްތު މިނިސްޓަރަކަށް އަދި ފޮރިން މިނިސްޓަރު ކަމުގައި ހުންނެވި މޫސާ ޒަމީރު ފިނޭންސް މިނިސްޓަރުގެ މަގާމަށް އެދުވަހު އައްޔަނު ކުރިއެވެ.
އެހެންކަމުން މި ތިން ބޭފުޅުންނަށް ރުހުން ހޯއްދެވުމަށް ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ފޮނުއްވާފައެވެ.



