މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) އިން ގއ. ދެއްވަދޫގައި ވަޒީފާގެ ފުރުސަތުތަކެއް ހުޅުވާލައިފިއެވެ.
އެގޮތުން މިފްކޯއިން ވަޒީފާގެ ފުރުސަތުތައް ހުޅުވާލާފައިވަނީ ދެއްވަދޫގައި މިފްކޯގެ ފަރާތުން ހިންގާ އައިސްޕްލާންޓަށެވެ. އެއީ އެ އައިސްޕްލާންޓުގެ ކެޝިއަރު ކަމުގެ މަގާމަށާއި ސެމީ ސްކިލްޑް ވޯކަރ ކަމުގެ މަގާމަށެވެ.
މިފްކޯއިން މި މަގާމުތަކަށް ހުޅުވާލައިގެން ގެޒެޓުގައި ކުރި އިއުލާނެއްގައި ބުނެފައިވަނީ ސެމީ ސްކިލްޑް ވޯކަރުންގެ ތިން ވޯކަރުން ބޭނުންވާ ކަމަށާއި މިއީ އެއް އަހަރު ދުވަހުގެ (3 މަސް ދުވަހުގެ ޕްރޮބޭޝަނާއެކު) ކޮންޓްރެކްޓް މަގާމެއް ކަމަށެވެ. މިމަގާމުގެ ޖުމްލަ މުސާރައަކީ މަހަކު -/9979.50 ރުފިޔާއެވެ. އިތުރުގަޑި އަދި ބަންދު ދުވަސްތަކުގައި މަސައްކަތް ކުރާނަމަ އިތުރުގަޑިއާއި ބަންދު ދުވަސްތަކުގެ ފައިސާ ގަވާއިދުގައިވާ ގޮތުގެ މަތިން ލިބޭނެ ކަމަށް މިފްކޯއިން ބުނެފައިވެއެވެ.
މި މަގާމުގެ ޝަރުތަކީ، މަގާމާ ގުޅޭ ދާއިރާއަކުން އެއް އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުމާއެކު މަސައްކަތް ކުރުމުގެ ހުނަރު/ގާބިލުކަން ހުރި މީހެއް ކަމުގައިވުމެވެ. އަދި ގިނަ ވަގުތު މަސައްކަތް ކުރެވޭނޭ މީހަކަށްވުމުގެ ޝަރުތުވެސް ހިމެނިގެންވެއެވެ.
ދެއްވަދޫ އައިސްޕްލާންޓަށް ކޭޝިއަރެއްގެ ގޮތުގައި މިފްކޯއިން ހޯދަނީ އެންމެ ފަރާތެކެވެ. މިއީ ވެސް އެއް އަހަރު ދުވަހުގެ (3 މަސް ދުވަހުގެ ޕްރޮބޭޝަނާއެކު) ކޮންޓްރެކްޓް މަގާމެއް ކަމުގައި މިފްކޯއިން ބުނެފައިވެއެވެ. މިމަގާމުގެ ޖުމްލަ މުސާރައަކީ މަހަކު -/10،201 ރުފިޔާއެވެ. އިތުރުގަޑި އަދި ބަންދު ދުވަސްތަކުގައި މަސައްކަތް ކުރާނަމަ އިތުރުގަޑިއާއި ބަންދު ދުވަސްތަކުގެ ފައިސާ ގަވާއިދުގައިވާ ގޮތުގެ މަތިން ލިބޭނެ ކަމަށް މިފްކޯއިން ބުނެފައިވެއެވެ.
ކޭޝިއަރުކަމުގެ މަގާމަށް ކުރިމަތިލާ ފަރާތުގެ ހުންނަންވާ ޝަރުތުތަކަކީ ވެސް މަގާމާ ގުޅޭ ދާއިރާއަކުން އެއް އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުމާއެކު މަސައްކަތް ކުރުމުގެ ހުނަރު/ގާބިލުކަން ހުރި މީހެއް ކަމުގައިވުމުގެ އިތުރުން ގިނަ ވަގުތު މަސައްކަތް ކުރެވޭނޭ މީހަކަށްވުމެވެ.
މި ދެ މަގާމަށް ވެސް އެދި ހުށަހަޅަން ޖެހެނީ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (ދެފުށް ފެންނަ) ސާފު ކޮޕީއަކާއި، ތަޢުލީމާއި ތަމްރީނު ސެޓްފިކެޓުތަކުގެ ލިޔެކިޔުންތަކުގެ ކޮޕީއެއްގެ އިތުރުން، ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު އަދި ސީވީ (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭހެން)، ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ (މިފްކޯ ޖޮބް އެޕްލިކޭޝަން ފޯމު) ގެ އިތުރުން ޕޮލިސް ރިޕޯޓެވެ.
މި މަގާމުތަކަށް ކުރިމަތިލާ ފަރާތްތަކުން މިތަކެތި ހުށަހަޅަން ޖެހެނީ މިފްކޯ ހެޑް އޮފީހުގެ ރިސެޕްޝަނަށް 17 އޮކްޓޯބަރު 2024 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިންނެވެ. މަގާމަށް އެދި އީމެއިލް ކުރަން ބޭނުންނަމަ އީމެއިލް ކުރާނީ careers@mifco.mv އަށެވެ. މި މަގާމުތަކަށް ޝަރުތު ފުރިހަމަ ނުވާ ފަރާތްތަކުގެ ފޯމުތަކާއި ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ ފޯމުތައް ބާތިލުވާނެ ކަމަށް ވެސް މިފްކޯއިން ބުނެފައިވެއެވެ.




