ކެފޭ އުސޫލުން މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދިޔަ ތަނަކުން ދެމީހަކު ހައްޔަރުކޮށް އެމީހުންގެ ބަންދަށް މުއްދަތު ޖަހައިފިއެވެ.
މިމައްސަލައާ ގުޅިގެން ފުލުހުން ހައްޔަރު ކުރީ ގ. ޕާކަރުހައުސް، އަބްދުالله ޖިނާހު (28އ) އާއި މ. ރޫބީ ހުސައިން ނިޔާޒު (35އ) އެވެ.
އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ކޯޓުން ވަނީ އެދެމީހުންގެ ބަންދަށް 7 ދުވަސް ޖަހާފައެވެ.
ކްރިމިނަލް ކޯޓުން އިއްޔެ އާއްމުކުރި ކޯޓު އަމުރުގައި ބުނީ އެ ދެ މީހުން ކުށްކުރި ކަމަށް ތުހުމަތުކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ހުށަހަޅާފައިވާ ކަމަށެވެ. އަދި އެމީހުންގެ ކުޑަކަމުދާ ތަކެތި މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާ ކަމަށް ވެސް ކޯޓު އަމުރުގައިވެއެވެ.
މީގެއިތުރުން ކޯޓުގެ އަމުރުގައި ބުނެފައިވަނީ މަސްތުވާތަކެތީގެ މައްސަލަތަކާ ގުޅުންހުރި ރެކޯޑް ހިމެނޭތީ އާއި ކެފޭ އުސޫލުން މަސްތުވާތަކެތި ވިއްކާކަމުގެ ތުހުމަތުކުރެވޭތީ އެ ދެމީހުން ބަންދުގައި ބަހައްޓަން ފެންނަ ކަމަށެވެ.



