ރާއްޖޭގައި ވޭޕް ކުރުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަނާ ކުރައްވައިފިއެވެ.
ވޭޕް ކުރުމާއި އީ-ސިނގިރޭޓު ބޭނުންކުރުމާއި ވިއްކުން މަނާ ކުރަން ގޮވާލައި ބައެއް ޖަމިއްޔާތަކުން ދަނީ އަޑު އުފުލަމުންނެވެ. އޭގެ ތެރޭގައި ބައެއް ކުޅިވަރު ޖަމިއްޔާތައް ވެސް ހިމެނެއެވެ.
މިކަމާ ގުޅޭގޮތުން ރައީސް މުޢިއްޒު މިއަދު ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތީގެ ވަކިވަކި ބައިތައް ދިވެހިރާއްޖެއަށް އެތެރުކުރުން 15 ނޮވެމްބަރ 2024 އިން ފެށިގެން މަނާ ކުރުމަށާއި، ދިވެހިރާއްޖޭގައި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، ރާއްޖޭގައި އިޝްތިހާރު ކުރުމާއި ހިލޭބެހުން 15 ޑިސެމްބަރ 2024 އިން ފެށިގެން މަނާކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް ކަމާބެހޭ ފަރާތްތަކަށް އެމަނިކުފާނު އަންގަވާފައިވާނެ ކަމަށެވެ.



